ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 1.518 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބެލުމުން ކަމަށެވެ. މަސްތުވާތަކެތި ހުރީ އެ ޝިޕްމަންޓުގައި ހުރި މުދަލުގެ ތެރޭގައި ފޮރުވާފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއެމްފެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، އެމްއެންޑީއެފުން ވެސް މިއަދު ވަނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ލަންކާ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ހދ. މަކުނުދޫ ބޭރުން އަތުލައިގަތް އެ މަސްބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެއެވެ.