ޚަބަރު

އަދުރޭ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ބޭރުކޮށްފި ނަމަ އެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން، މަސީހު މަގާމުން ބޭރުކޮށްފި ނަމަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ނިންމަވައިފައިވާ ކަމަށް އަދުރޭ ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ކުރެއްވި ޓްވީޓެއްގައެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި އިރު، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް ގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ އެ ލިޔުމުގައި ސޮއިކުރައްވައިފަ އެވެ. އޭގެ އިތުރުން އެމްޑީއޭގެ މެންބަރަކު ވެސް ސޮއިކުރައްވައިފައިވެ އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައިގަނޑު ސަބަބަކީ މެންބަރުންނަށް އެބޭފުޅުންގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފުރުސަތު ނުދެއްވައި އެކަމަށް ހުރަސް އެޅުއްވުމެވެ.