ޚަބަރު

ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅުނު 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފާތިމަތު ލިޔުޝާ

ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅުނު 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުގެ އެކްސް ގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކުފޯހުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ތިލަފުށީގައި ހިންގި އޮޕްރޭޝަނުގައި އިމިގްރޭޝަނުގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ބައިވެރިވި ކަމަށެވެ.

އެ އޮޕަރޭޝަނުގައި 257 ބިދޭސީއަކު ޗެކްކުރި ކަމަށާއި އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، 22 މީހަކަށް ލިޔުމުން ނޯޓިސް ދީފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 33 ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އުޅޭ ތަންތަނާއި ވިޔަފާރިތައް ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި، ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޕްލެޓްފޯމެއްވެސް ވަނީ އިމިގްރޭޝަނުން ގާއިމު ކޮށްފައެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުން މިހާތަނަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 5000 އަށްވުރެ ގިނަ ބިދޭސީން އެމީހުން ގައުމުތަކަށް ވަނީ ޑީޕޯޓުކޮށްލާފައެވެ.