ވެރިކަން ހިންގާ، ޕީއެންސީގެ މެންބަރުންގެ އަދަދު އެއް ލައްކައާ ގާތަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ހަރުދަނާކަމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުން ދައްކާގޮތުގައި ޕީއެންސީގައި 28.900 މެންބަރުން ތިބި ކަމަށް ދެއްކި ނަމަވެސް، މިއަދު ހެނދުނު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 97،000 އަށް އަރާފައިވާ ކަމަށެވެ.
މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަބަދުވެސް ވާދަވެރިންގެ ހިތުގައި ޝައްކު އޮންނާނެ ކަމަށާއި ވާދަވެރިން ފާޑުވެސް ކިޔާނެ ކަމަށެވެ. އަދި ޕީއެންސީ ކުރިއަށްދާނީ އެކަމަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ހަގީގަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ރައްޔިތުން ބަލައިގަތުން. އެއް އަހަރު ދުވަސްވީ އިރު، 3022 މީހުންގެ ޕާޓީއެއް، އެއްލައްކައާ ކައިރިކުރާ އަދަދަށް އެ ދިޔައީ އެއީ ވާދަވެރިން މޭ ކިތަންމެ ވަރަކަށް ކެރިޔަސް، އަދި އެބޭފުޅުންނަށް ހަޖަމު ނުކުރެވުނަސް، ގަބޫލުކުރަން ބޭނުންފުޅު ނުވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ހަރުދަނާކަމުން،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ފައިސާ ދީގެން މެންބަރުން ހޯދުމަކީ ޕީއެންސީގެ ވިސްނުމެއް ނޫން ކަމަށާއި ސަރުކާރަށް އެއް އަހަރު ފުރޭއިރު ޕާޓީއަށް 75،000 މެންބަރުން ހަމަކުރުމަކީ ރައީސް މުއިއްޒުގެ އުންމީދެއް ކަމަށެވެ. އަދި މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ފައިސާ ދީގެންނެއް ނޫން އެކަން ކުރީ. އަޅުގަނޑުމެން ރަށްރަށަށް ވެސް ދަތުރުކުރިން. ރަށްރަށަށް ގޮސް ތިން ހަތަރު ދުވަސްވަންދެން އެ ރަށުގައި އުޅެން ވެސް އުޅުނިން. ގޭގެއަށް ވެސް ޒިޔާރަތްކުރިން. ގޭގެއަށް ގޮސް، ގޭގޭގައި ތިއްބަވާ މެންބަރުންނަށް އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ ފިކުރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ހުށަހެޅިން. ހުށަހަޅައިގެން ރައްޔިތުން ހިތުން ރުހުމުން އުފަލުން އަޅުގަނޑުމެންގެ ޕާޓީއަށް ވަން މީހުން މިހާރު ޕާޓީގައި އެ ތިބީ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިއަދު ނިމިގެންދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބަކީ އަމިއްލައަށް ތެދުވެ، ހިންދަމާލުމަށް ކުރާ މަސައްކަތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް ކަންތައްތައް ކުރާ ގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރާ ގޮތް ވާދަވެރިންނަށް ޕީއެންސީން ދަސްކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.