ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ނިމިގެން ދިޔަ ފޯރިގަދަ ވޮލީ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އެޓީމު ބަލިވި ބަލިވުމުގެ ބަދަލު ހިފައި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް ސިފައިން ކާމިޔާބުކުރީ 2-3 ސެޓުން ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ފައިނަލަށް ޕޮލިސް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ސެމީގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ ސިފައިންގެ މައްޗަށް 2-3 ސެޓުން ކުރިވެސް ހޯދާފައެވެ. ނަމަވެސް، ރޭގެ ފައިނަލުގައި ސިފައިން ފެނުނީ ވަރަށް ތަފާތުކޮށެވެ. ޓީމުގެ ރޫޚާއި ރޭވުންތެރިކަމުގެ ނަތީޖާ ރޭގެ ފައިނަލުގައި ފެނިގެން ދިޔައެވެ.
މެޗުގެ ފުރަތަމަ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު 25-17 އިން ގެންދިޔައީ ސިފައިންނެވެ. މިސެޓުގައި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ވަސީމްގެ ކުޅުން ފާހަގަކުރެވުނެވެ. މެޗުގެ ދެވަނަ ސެޓުގައި ޕޮލިހުން ވަނީ ސިފައިންނަށް ވަރުގަދަ ކުޅުމެއްދައްކާ 25-17 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ޕޮލިހުން އެންމެ ރަނގަޅަށް ކުޅުނީ އަލީ ހުޒާމް (ހުޒާންޓެ) އެވެ.
ތިންވަނަ ސެޓު ފެނިގެންދިޔައީ ވަރަށްވެސް ފޯރިގަދަކޮންނެވެ. ދެޓީމަށްވެސް ސެޓު ކާމިޔާބުކުރަން ފުރުޞަތު ލިބިގެންދިޔައިރު އެންމެ ފަހުވަގުތު ސެޓު ކާމިޔާބުކޮށް ސިފައިންވަނީ ދެވަނަ ސެޓެއް ހޯދާފައެވެ. މިސެޓު އެޓީމުން ގެންދިޔައީ 29-27 އިންނެވެ.
ހަތަރުވަނަ ސެޓު ފެނިގެންދިޔައީ ކުރީގެ ސެޓުތަކަށް ވުރެއް މާބޮޑަށްވެސް ހޫނުކޮށެވެ. ރެފްރީގެ ބައެއް ނިންމުންތަކާއި ދެކޮޅު ހެދުމުން ޕޮލިހުގެ އާދަމް ފައިރޫޒަށާއި ސިފައިންގެ ކޯޗު މުމްތާޒަށް ރެފްރީ ވަނީ ކާޑުވެސް ދައްކާފައެވެ. ދެޓީމަށްވެސް މިސެޓުގައި އިންޖަރީގެ މައްސަލަތަކެއް ދިމާވިއެވެ. އެގޮތުން ޕޮލިހުގެ ސެޓަރު ހުސެއިން ވިޝާމް އަށާއި ސިފައިންގެ ޓީމުގެ ލޯންގޭވެސް ކުޅުނީ އަނިޔާގަ ހުރެއެވެ. މިސެޓު ޕޮލިހުން ވަނީ 25-22 އިން ކާމިޔާބުކޮށް ފަސްވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ.
ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ. އޭގެ ފައިދާ ނަގާ ސިފައިންވަނީ ވަރުގަދަ ކުޅުމެއް ދައްކައި ފަސޭހަކަމާއެކު 7-15 އިން ސެޓު ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައެވެ.
މި މުބާރާތުގެ އަދި ފައިނަލްމެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީވެސް އެޓީމުގެ މުމްތާޒެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޕޮލިސް ކްލަބްގެ އަލީ ހުޒާމް (ހުޒާންޓެ) އާއި ޝުވައިބު އަބްދުއްލަތީފް، މުހައްމަދު ނައީމް، ސިފައިންގެ ޓީމުގެ ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ސައީދު (ސޭންޑީ)، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހުޅުމާލެގެ ރައްޒާން ހޮވުނު އިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޕޮލިސް ކުލަބެވެ.