ވިޔަފާރި ކުރުމަށް ފައިސާ ބޭނުންވާ ކުންފުނިތައް ދެނެގަތުމަށް ސާވޭއެއްކުރަން ނިންމައިފިއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ބުނީ "ފައިނޭންޝަލް ނީޑްސް އެސެސްމަންޓް ސަރވޭ" އަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން ވިޔަފާރިކުރުމަށް ފައިސާ ބޭނުންވާ ކުންފުނިތަކާއި (ފައިނޭންޝަލް ނީޑް އެސެސްމަންޓް)، އަދި ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ރާއްޖޭގައި ގާއިމުކުރެވިފައިވާ ކެޕިޓަލް މާރކެޓް ނިޒާމުން ފައިސާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރާ ސާވޭއެއް ކަމަށެވެ.
އެހެންކަމުން މިސާވޭކޮށްދޭނެ ބަޔަކު ހޯދުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
އެ އޮތޯރިޓީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، މި ސާވޭ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫންމަހުގެ 10 ވާ ހޯމަ ދުވަހު 11:30ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އެ އޮތޯރިޓީއަށް ބިޑް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި އެކަމާބެހޭ އިތުރު މައުލޫމާތު އޮތޯރިޓީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ