ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މުހައްމަދު ހުސެއިން މަނިކު އައްޔަންކޮށްފި އެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ބުނާ ގޮތުން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ސީއެމްޑީއޭ އިން ބުނީ އެ ގާނޫނުގައިވާ ގޮތުގެ މަތިން އިއްޔެ އިން ފެށިގެން އެ އޮތޯރިޓީގެ ސީއީއޯގެ މަގާމަށް މަނިކު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން ޕެންޝަން އޮފީހެއް 2009 ވަނަ އަހަރު އުފެއްދީއްސުރެ އެ އޮފީހުގެ ސީއީއޯ މަގާމުގައި ހުންނެވީ މަނިކެވެ.
މަނިކަކީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަމާއި މީގެ ކުރިން އޭރުގެ ޑިޕާޓްމެންޓް އޮފް ފިނޭންސް (މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސް)ގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.