އިބްރާހިމް ޒަކީ
އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަޔަނުދިނުމަށް ޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވާގޮތުގެމަތީން ޕާސްޕޯޓް މަނާ ކުރުމުގެ ކުރިން އިޒްރޭލް ޕާސްޕޯޓްގައި ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އައި މީހުންގެ މައުލޫމާތު ހޯދަން އެ މައްސަލަ ދިރާސާކުރާ ކޮމެޓީން ނިންމައިފިއެވެ.
އެ ބިލް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީންނެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައުލޫމާތުތައް ހޯދަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އޭނާ ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މައްސަލައިގައި ކަންކުރާއިރު، މި ކުރެވެނީ ކޮންކަމެއްތޯ އެނގެން ޖެހޭ ކަމަށެވެ.
"މިދިޔަ ފަސް އަހަރުގެ ތަފާސް ހިސާބު ބޭނުންވޭ އެތެރެވީ ކިހާ މީހުނެއްތޯ، ގިނަ ފަހަރަށް އިޒްރޭލް ޕާސްޕޯޓް، ސައުތު އެމެރިކާގެ ގައުމުތަކުގައި ވެސް އެމެރިކާގައި ވެސް އެހެން ބައެއް ގައުމެއްގެ ރައްޔިތަކަށްވެސް ބޭނުންކުރެވޭ، އެމީހާ ވެދާނެ އެއިން ގައުމެއްގެ މީހަކަށްވެސް، އެހެންވީމާ އެހުރިހާ ތަފްސީލްތައް އެނގޭ ގޮތަށް."
ނާޒިމް ވިދާޅުވީ، ޖޯޑްން ފަދަ އަރަބި އިސްލާމީ ގައުމުތަކުގައިވެސް އިޒްރޭލް ޕާސްޕޯޓް އޮތް މީހުން އުޅޭ ކަމަށެވެ.
"އެހެންކަމުން އެމީހުން އެތެރެވާ ބޭނުން ވެސް އޮންނާނެ ކަމަށާއި އެއީ ވިޔަފާރީގެ ބޭނުމުގައިތޯ ޓޫރިސްޓުންގެ ގޮތުގައިތޯ އެތެރެ ވެފައި އޮތީ، އެމައުލޫތުވެސް ހޯދަންޖެހޭ،" ކަމަށް ވިދާޅުވިއެވެ.
އެ މައުލޫމާތުތަކާއެކު، ސަރުކާރުގެ އޮފީސްތަކާއި ސިޔާސީ ޕާޓީތަކާއި، ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާބެހޭ ތަންތަނުން އެކަމާބެހޭ މައުލޫމާތުތައް ހޯދަން މިއަދު ކޮމިޓީން ވަނީ ނިންމައިފައެވެ.