ޚަބަރު

މެންބަރުކަން ގެއްލޭ ބިލުގެ މައްސަލައިގައި އެމްޑީޕީ މެންބަރުން މަޖިލިސް ތެރޭ އިހުތިޖާކުރަނީ

ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލިސް ޖަލްސާގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި ބިލު ފާސްކުރަން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ކޮމިޓީން ބިލު ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމާއެކު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށައިފައެވެ.

މަޖިލިސް ޖަލްސާގައި އަޑުގަދަކުރައްވަން ފުރަތަމަ ފެއްޓެވީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އޭގެ ފަހުން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތުގެ ކުރިމަތީގައި "ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން" ޖަހާފައިވާ ބެނާއަކާއެކު އިހުތިޖާޖުކޮށްފައެވެ.

މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިގޮތަށް އިސްލާހުތަކަކާއެކުއެވެ. މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ޖަލްސާގައި ތިއްބެވި 89 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސް ނުކުރުމަށް 13 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ ހުސް އެމްޑީޕީ މެންބަރުންނެވެ.

އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުން ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނެވެ.

މިއަދުން މިއަދަށް ނިންމަން އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައި، ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލުމުގެ އިތުރުން، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަނީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއްގެނެވޭނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ، މަޖިލިސް މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް، އެ މާއްދާއަށް އިތުރުކުރާ އަކުރެއްގެ ގޮތުގައިވެއެވެ.

ނަމަވެސް މި ދެ އަކުރަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އިސްލާހު ގެނަސްފައެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތާއީދުކޮށް ގެނައި އިސްލާހުގައި ވަނީ، އެކަންކަން ބަދަލުކުރެވޭނީ މަޖިލިސް މެންބަރުންގެ މަދުވެގެން ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ހިމަނައިފައެވެ.

ޝުޖާގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހު ހުށަހެޅުއްވިއެވެ.

މީކާއީލް ހުށަހަޅުއްވާފައި ވަނީ، މި ބިލު ފާސްކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށާއި، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް އޮތް މާއްދާ ބިލުން އުނިކުރުމަށެވެ. އޭގެ އިތުރުން މެންބަރުކަން ގެއްލޭނެ ހާލަތްތަކެއް އިތުރު ގޮތަކަށް ހިމަނަންވެސް އިސްލާހު ހުށަހެޅިއެވެ.

އެގޮތުން ޕާޓީ މެންބަރެއްގެ ހައިސއިްޔަތުން އިންތިހާބުވި މެންބަރެއް، އަމިއްލަ އިސްނެގުމަށް ޕާޓީން ވަކިވުމާއި، އެހެން ޕާޓީއަކަށް ބަދަލުވުމާއި، އަމިއްލަގޮތުން އިންތިހާބުވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް ހިމަނަން ހުށަހެޅިއެވެ.

ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް، ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވި ދާއިރާގައި ހިމެނޭ މީހުންގެ އަގުލަބިއްޔަތުން އޭނާ އެ މަގާމުން ވަކިކުރުމަށް ނިންމޭނެ ކަމަށްވެސް ހުށަހެޅިއެވެ.

ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް މެންބަރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް، މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރު މަގާމުން ވަކިކުރުމަށް އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރު މަގާމުން ވަކިކުރުމަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މީކާއީލްގެ ފުރަތަމަ އިސްލާހު ފާސް ނުވުމުން ދެން ހުރި އިސްލާހުތަކަށް ވޯޓަށް ނޭހުމަށް ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށަ އެޅުން ހިމެނުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެނެއް ނުވާނެ ކަމަށް އޮތް މައްދާ ބަދަލުކޮށް، ޝާހިދު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަދީގެން ނުވާނެ ކަމަށެވެ.

އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަދީގެން ނުވާނެ ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.