ޚަބަރު

ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތަކަށް އެމްއޭސީއެލް، ވިލާ އަދި އެމްޑްބަސްލިޔުއެސްސީއާ އެކު އެއްބަސްވުމަކަށް

ފާތިމަތު ލިޔުޝާ

ދިވެހިންގެ ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތަކަށް އެހީތެރިކަން ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތިން ކުންފުޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ވިލާ ގްރޫޕު އަދި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ އެވެ.

އެ އެއްބަސްވުންތަކުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ސޮއިކުރެއްވި އިރު، އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ. އަދި ވިލާގެ ފަރާތުން ސޮއިކުރެއްވީ، ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓާ އޮފް ލާނިން އެންޑް ޑެވެލޮޕްމަންޓް ހަސަން ޝަމާހުއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއޯޔޫގެ މަގުސަދަކީ ބައިވެރިންނާއެކު އެއްބަސްވެފައިވާ ކަންތައްތަކުގެ ދަށުން ވަޒީފާތަކަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި ނެޝަނަލް ކެރިއާސް ސާވިސް މެދުވެރިކޮށް ހިންގާ ކެރިއާ ގައިޑަންސް ޕްރޮގްރާމްތަކަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން ކަމަށެވެ.

އޭގެ އިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން އެޕްރެންޓިސްޝިޕް ފުރުސަތުތައް ހުޅުވާލުމާއި އަދި މަސައްކަތްތެރިންނާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދޭ ނިޒާމެއް ބިނާކުރުމަށްޓަކައި ބައިވެރިންގެ ދާއިރާތަކާ ގުޅުންހުރި މައުލޫމާތު، ކަނޑައެޅޭ އުސޫލަކުން މިނިސްޓްރީއާ ހިއްސާކުރުން ވެސް އެމްއޯޔޫގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި މަސައްކަތްކުރެވޭނެ ގޮތްތައް ދެނެގަނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފަހުރުވެރިކާއެކީ އަބަދުވެސް ބުނަން ކީ ރޯލްތަކުގައި ސްކިލްޑް ދިވެހިންނޭ އުޅޭނީ. ދިވެހިން މީގެ ތެރޭ ތަރައްގީކުރަން. އިންޓާނަލީ މަސައްކަތްތަކެއް ކުރަމުން މިދަނީ. ފާހަގަކޮށްލަން ބޭނުންވަނީ ގުޅިގެން މިގޮތަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން،" ޝަރީފް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން ހިމެނެއެވެ.

އޭގެ އިތުރުން އެ މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއާސް ސާވިސް ތަރައްގީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ޕްލެޓްފޯމްގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.