މަޖިލިސް މެންބަރުން ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ހެޔޮ ބަދަލެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅައިފައެވެ. މި ބިލް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ބިލްގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލޯ ކްރޮސިން ނުވަތަ ޕާޓީ ބަދަލު ކުރުން މަނާކުރުމަށް ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިސްނެގި ކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށާއި މިހާރުގެ އެންޓި-ޑިފެކްޝަން ގާނޫނު އިތުރަށް ހަރުދަނާކޮށް، ޒިންމާދާރު ފަރާތްތައް އިތުރަށް ޖަވާބުދާރީވުމާއި ހާމަކަން ބޮޑުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
"އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާހަށް އިސްކަންދެއްވައި، މި އިސްލާހު އަވަހަށް ފާސްކުރުމަށް ހުރިހާ މަޖިލިސް މެމްބަރުންނަށް އަޅުގަނޑު ގޮވާލަން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވުމަކީ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ވަރުގަދަ ކުރުމަށް ބާރު އަޅާނެ މުހިއްމު ބަދަލެއް ކަމަށެވެ.
"އިންތިހާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަހުލާގާއި ހިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް،" ފަހުމީ ވިދާޅުވިއެވެ.
އެ އިސްލާހުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި އެމީހުން ހިދުމަތްކުރާ ރައްޔިތުންނަށް ވައުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާހައުލު ހަމަޖައްސައިދޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
"މި އިސްލާހުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިގެންދާނެ. ދެފުށް ފެންނަ، ޒިންމާދާރު ގާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނުތައް ނެގެހެއްޓުމުގެ ފުރުސަތު ޝަރުއީ ދާއިރާއަށް ފަހިކުރާނެ ކަމެއް. އެހެން ގައުމުތަކުގައި ހަދާފައިވާ މިފަދަ ގާނޫނުތަކަކީވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހަމަކޮށް ދަނީ ފެންނަމުން"، ފަހުމީ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީހީ ފުރުސަތެއް ކަމަށާއި މި ގައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާހަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުސަތުގެ ބޭނުން ހިފަން ފަހުމީ ގޮވާލެއްވިއެވެ.
ޝާހިދު ހުށަހެޅުއްވި އިސްލާހުގައި އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ގަތުމަކީ ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، ބައެއް އިސްލާހުތަކާ އެކު ކޮމިޓީން ވަނީ އެ ބިލް ފާސްކޮށްފައެވެ. އަދި އެ ބިލް މަޖިލީހުން ފާސްކުރަން މިއަދު ހަވީރު 5:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލިސް ރައީސް އަބުދުލްރަހީމް އަބުދުﷲ ނިންމަވައިފިއެވެ.
ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، އެންޓި ޑިފެކްޝަންގެ ގާނޫނަށް މިދިޔަ 19 ވަނަ މަޖިލީހުގައިވެސް އެ ބަދަލު ވަނީ ގެނެސްފައެވެ.
އެ ގާނޫނުގައި ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭނެއެވެ.
ނަމަވެސް އިސްތިއުފާ ނުދީފި ނަމަ ދެން ވާނެގޮތެއް އެ ގާނޫނުގައި ބުނެފައެއް ނުވެއެވެ. އެ މައްސަލަ މިހާރު ވަނީ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފައެވެ.