އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ގަރާރާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެއިން ރޭ ވޯޓު ދީފިއެވެ.
އެގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދިން ނަމަވެސް، އިނގިރޭސީން، އެމެރިކާއަށް ކުއްޔަށްދީފައިވާ ޗާގޯޒް އައިލަންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ގަރާރު އދ. އާއްމު މަޖިލީހުން ވަނީ ފާސްކޮށްފައެެވެ.
ރާއްޖޭގެ ފޮރިިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެފައިވަނީ، އެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ ގައުމީ ސަލާމަތަ ގުޅުންހުރި ކަމަކަށް ވާތީ ކަމަށެވެ
އދ. ގައި މޮރިޝަސްއިން ވަކާލާތު ކުރަނީ، 1965ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނުއިރު، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯޒް އަކީ އެ ގައުމާ އަނބުރާ ހަވާލުކޮށްފައިނުވާ ސަރަހައްދެއް ކަމަށެވެ.
އެ މައްސަލައިގައި އާއްމު މަޖިލީހުގައި ނެގި ވޯޓުގައި އެ ގަރާރާދެކޮޅަށް ރާއްޖެއާއެކު އިނގިރޭސި ވިލާތާއި އެމެރިކާއިން ވޯޓުދިނެވެ.
ނަމަވެސް އެގަރާރު ފާސްކުރީ، 116 ގައުމަކުން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީގެންނެވެ. ނަމަވެސް އަދި މިއީ އިނގިރޭސި ވިލާތުގެ މައްޗަށް އަމަލުކުރުން ލާޒިމް ގަރާރެއްނޫނެވެ.
މި މައްސަލައިގައި އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާފައި މިވަނީ، މިހާރުވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯޒް، މޮރިޝަސްއަށް ދޫކޮށްލަންޖެހޭކަމަށްބުނެ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޗާގޯޒް މައްސަލައިިގައި މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރުގެ ފެބްރުއަރީ 25 ގައި ލަފައެއް ނެރެފައި ވަނިކޮށެވެ.
(އައިސީޖޭ)ގެ އެ ލަފާގައި ބަޔާން ކޮށްފައިވާ ގޮތުުގައި މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ.
ސަބަބަކީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައިިރު ޗާގޯޒް މިނިވަންވެފައި ނުވުމެވެ.
މި ގަރާރަކީ (އައިސީޖޭ)ގެ އެ ލަފާ އދ.ގެ މެންބަރު ގައުމުތަކުން ތަންފީޒު ކުރުމަށް ގޮވާލައި އެފްރިކަން ގްރޫޕުން ހުށަހެޅި ގަރާރެކެވެ.
މި މައްސަލައިގައި (އައިސީޖޭ) ލަފައަކަށް އެދުމާބެހޭގޮތުުން 2017 ވަނަ އަހަރު އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށްވެސް ރާއްޖެއިން ވޯޓުދީފައިވެއެވެ. އެ ފަހަރު ގަރާރާދެކޮޅަށް ރާއްޖެއާއެކު 15 ގައުމުން ވޯޓުލިއެވެ. ނަމަވެސް ގަރާރާއެއްކޮޅަށް 94 ގައުމު ވޯޓުލިއެވެ.
މީގެ ކުރިން ރާއްޖެއިން ދެކެފައިވަނީ ޗާގޯޒް މައްސަލައަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާދެމެދުގައިވާ ދޭދޭ ގައުމުތަކުގެ މައްސަލައެއް ކަމަށެވެ.
އެހެން ނަމަވެސް 2010 ވަނަ އަހަރު "ކޮމިޝަން އޮންދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް" ދިވެހި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން މޮރިޝަސްއިން ވަނީ އެކަމަށް އިއުތިރާޒުކޮށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް ރަސްމީކޮށް ހުށަހަޅައިފައެވެ.
މި މައްސަލައިގައި މޮރިޝަސްއިން އިއުތިރާފް ކޮށްފައިވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖޭން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާކަމަށް ބުނެއެވެ.
އެއަށްފަހު އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސް ވުމަކަށް އައުމަށް މޮރިޝަސްއިން ވަނީ ރާއްޖެއަށް ގޮވާލައިފައެވެ.