ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާ އެ އިސްލާހުގެ ފުރަތަމަ ކިޔުން މާދަމާގެ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އޭގެ އިތުރުން އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް ވެސް އެޖެންޑާގައި ވަނީ ހިމަނައިފައެވެ.
ޝާހިދު ހުށަހަޅުއްވާ ބިލަކީ ގާނޫނުއަސާސީގެ އެކި މާއްދާތަކަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާ ބިލެކެވެ. އޭގެ ތެރެއިން އެއް އިސްލާހަކީ 251 ވަނަ މާއްދާގެ (ނ) އަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާ އިސްލާހެވެ.
އެ މާއްދާގެ (ނ) ގައި މިހާރު އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެނެއް ނުވާނެ ކަމަށެވެ.
ޝާހިދު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަދީގެން ނުވާނެ ކަމަށެވެ.
އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަދީގެން ނުވާނެ ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ޝާހިދުގެ ބިލުގައި ގާނޫނުއަސާސީގެ ތިންވަނަ މާއްދާއަށް ވެސް އިސްލާހު ގެނައުމަށް ހުށަހަޅުއްވައެވެ. މިހާރު ގާނޫނުއަސާސީގެ އެ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތީން ދަމައިލެވޭ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި، އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި އެ ކަނޑާ ގުޅިފައިވާ ޖައްވު ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް އެ މާއްދާގައި ބުނެއެވެ.
ޝާހިދު ހުށަހަޅުއްވަނީ އެ މާއްދާއަށް ދެ އަކުރު އިތުރުކުރުމަށެވެ. އެގޮތުން އެ މާއްދާގެ (ހ)ގައި ވަނީ، ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތީން ދަމައިލެވޭ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި، އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި އެ ކަނޑާ ގުޅިފައިވާ ޖައްވު ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި، ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުންގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ.