މާލެއާއި ހުޅުމާލޭގައި ހަތިޔާރާއެކު ފުލުހުންނާއި ސިފައިން ހަރަކާތެރިވަމުން ގެންދާ އިރު، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ މިންވަރަށް މައުލޫމާތު ފޯރުކޮށްދެމުން ނުގެންދާކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ޕްރޮގުރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނިހާން ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ހަތިޔާރާއެކު ފުލުހުންނާއި ސިފައިން ހަރަކާތެރިވަމުން ގެންދަނީ ކޮންސަބަބަކާ ހުރެތޯ ހޯދުމަށް އާންމު ރައްޔިތުންވެސް ގުޅަމުން ގެންދާކަމަށާއި، އެކަމާ ބެހޭ ފަރާތްތަކުން އެކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާތަން ނުފެންނަ ކަމަށެވެ. ނިހާނު ވިދާޅުވީ ބިރުވެރިކަމެއްގެ ތެރެއަށް ރައްޔިތުންދާފަދަ ކަމެއް ވާނީތޯ ނުވަތަ އެފަދަ އެއްވެސް ކަމެއް ވާނަމަ ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާކަމަށެވެ.
ރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އިއްޔެރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާ ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ.
ފުލުހުން ބުނީ އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ ތެދު ނޫން މައުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް އިލްމާސްކުރާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 119 ނުވަތަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ގުޅުއްވައި ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.