ޚަބަރު

އެމްއައިބީއަށް ފައިސާ ނުދައްކައިފިނަމަ، ހުޅުމާލޭގައި ހުރި ނިހާންގެ އެޕާޓްމަންޓް ވިއްކާލުމަށް ކޯޓުން ހުއްދަދީފި

އިބްރާހިމް ޒަކީ

ރަހުނުކޮށްފައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ނެގި ލޯނު ފައިސާ ދެއްކުމަށް އަމުރުކޮށް، އެ ފައިސާ ނުދައްކައިފިނަމަ، ހުޅުމާލޭ ޕްލެޓިނަމް ރެސިޑެންސްގައި ހުރި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އެޕާޓްމަންޓް ވިއްކައިލުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދީފިއެވެ.

މި މައްސަލައަކީ ނިހާންގެ އެޕާޓްމަންޓް ރަހުނުކޮށް، ނިހާނު ނަގާފައިވާ 4،023،314.49 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

މި މައްސަލައިގައި އެމްއައައިބީން ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ، ލޯނުގެ ގޮތުގައި ނިހާނަށް ދޫކުރި 4،023،314.49 މިލިއަން ރުފިޔާގެ ފެސިލިޓީ އާއި އެ ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމާއި ފެސިލިޓީއަށް ދައްކަން ޖެހޭ އެންމެހާ ފައިސާގެ އިތުރުން މަހުން މަހަށް އަރަމުންދާ "މަންތުލީ ރެންޓް" އާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެއްފަހަރާ ހޯދުމަށެވެ. އެ ފައިސާ އެއްފަހަރާ ނުދެއްކޭނަމަ ރަހުނުކޮށްފައިވާ ފުލެޓް ވިއްކާލުމުގެ ހައްގު ދިނުމަށް ވެސް ބޭންކުން ކޯޓުގައި އެދިފައިވެއެވެ.

އެ ފުލެޓަކީ ނިހާން ނަގާފައިވާ ފެސިލިޓީގެ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ތަން ކަމަށާއި އެތަނުގެ ހައްގުތަކާއި ބާރުތައް ބާތިލްނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ބޭންކުން ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ ދިފާއު ހުށަހަޅަން ނިހާނަށް ދީފައިވާ މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވާތީ ބޭންކުން ކޯޓުގައި އެދިފައި ވަނީ ޣައިރު ހާޒިރުގައި މައްސަލައިގެ ހުކުމްކޮށްދިނުމަށެވެ.

ނަމަވެސް މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުގައި ވަނީ، ނިހާނުގެ ޣައިރު ހާޒިރުގައި ހުކުމްކުރީ މި މައްސަލައާބެހޭ ކޯޓުގެ ޗިޓާ ހަވާލުވެ، ނިހާން ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

މި މައްސަލައިގެ ހުކުމުގައި ވަނީ 11 އޮކްޓޯބަރުގެ ނިޔަލަށް ނިހާނު ބޭންކަށް ދައްކަން ޖެހި ނުދައްކާ ހުރި 3،874،412.24 ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި 152،560.04 ރުފިޔާ އަކީ އެމްއައިބީއަށް، އަހުމަދު ނިހާން ހުސެއިން މަނިކު އަދި އިނާން ހުސައިން މަނިކު ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި މި ފައިސާ 12 އޮކްޓޯބަރުން ފެށިގެން ހަ މަސް ދުވަސް ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށްޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ދައްކައި ހަލާސްކުރުމަށް ވެސް ހުކުމްގައި ވަނީ އަންގައިފައެވެ.

މި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، ރަހުނު ކަމަށްވާ، ފްލެޓް ވިއްކާލުމުގެ ކަންތައް އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ހައްގު އެމްއައިބީއަށް ލިބިގެންވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.