ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރު ހިންގާ، ޕީއެެންސީން ނިންމައިފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެންނަން ޕީއެންސީން ބިލެއް ޑްރާފްޓުކޮށް، މާދަމާގެ މަޖިލިސް ޖަލްސާގައި އެ ބިލު ފާސްކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން މިއަދު އެކަމާ ގުޅޭ ބައްދަލުވުމެއް ބާއްވާފައިވާ އިރު، ބައެއް މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހަދައިފައެވެ. ނަމަވެސް ޕީޖީ ގްރޫޕުން ނިންމާފައިވަނީ މާދަމާގެ ޖަލްސާގައި އެ ބިލު ފާސްކުރުމަށެވެ.
"ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިލު އަވަހަށް ފާސްކުރުމަށް މަސައްކަތްކުރަމުންދަނީ ބައެއް މެންބަރުން ޕާޓީ ބަދަލުކުރުމަށް މަސައްކަތްކުރާތީއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޕީއެންސީގެ ޕީޖީ ގްރޫޕުން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅަން ހަމަޖެހިފައިވާ އެ ބިލުގައި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރަން ވަނީ ހިމަނައިފައެވެ.
އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، މަޖިލިސް މެންބަރުކަމުން ވަކިވާނެ ހާލަތްތަކެވެ. އަދި (ރ) ގައި ބުނަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ކޮށްގެން ނުވާނެ ކަންތައްތަކެވެ.
އެ މާއްދާގެ (ބ) ގެ ގޮތުގައި އިތުރުކުރަން އެ ބިލުގައި ހުށަހަޅާފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، މެންބަރު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުމާއި، ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުމާއި، އެ މެންބަރު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމެވެ. އަދި މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައިވާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމެވެ.
އަމިއްލަގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަށްވުންވެސް އޭގެ ތެރޭގައި ހިމެނޭކަމަށް ބިލުގައިވެއެވެ. އެ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފައިވެއެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅާ އިރު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލުގެ މާއްދާތަކެއް ބަދަލުކުރަން އަމިއްލަ ފަރާތަކުން ދާދި ފަހުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
އެ ބިލަކީ 1 އޭޕްރިލް 2024ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އަދި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުސްވި އޭޕްރީލް މަހުގެ 15 ވަނަ ތަސްދީގު ކުރައްވައިފައެވެ.
އެ ގާނޫނުގައިވާ ގޮތުން މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުކަމުން އިސްތިއުފާދޭން ޖެހެއެވެ. ނަމަވެސް އިސްތިއުފާނުދީފި ނަމަ، އެޅޭނެ ފިޔަވަޅެއް ގާނޫނަކު ނޯވެއެވެ.