ޚަބަރު

އޭޖީގެ މަގާމުގައި ހުރެ، ޖީއެމްއާރާ ގުޅޭގޮތުން އެއްވެސް ކަމެއް ނުނިންމަން: ރިފްއަތު

އެޓާނީޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ގުޅޭގޮތުން އެއްވެސްކަމެއް ނިންމަވާފައި ނުވާނެ ކަމަށް، އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ މިހެން ވިދާޅުވީ، ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފްކޮށްދޭން ބަންޑާރަނައިބު އެދިވަޑައިގެންނެވި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް، އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އޭޖީގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ މަސްލަހަތު އިސްކުރައްވާ ކަމަށާއި، އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި މަސައްކަތްކުރައްވަނީ ހައްގުތަކުގެ ދިފާއުގައި، ވައުދުވެ ވަޑައިގެންނެވިގޮތަށް ހާމަކަމާއެކު އިންސާފު ކަށަވަރުކުރައްވަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އޭޖީގެ މަގާމުގައި ހުރެ ޖީއެމްއާރު އާގުޅޭގޮތުން އެއްވެސް ކަމެއް އަޅުގަނޑު ނިންމާފައެއް ނުވާނެ. ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން. މަސައްކަތްކުރަނީ ހައްގުތަކުގެ ދިފާއުގައި. އަޅުގަނޑުމެން ވައުދުވީ ހާމަކަމާއެކު އިންސާފު ކަށަވަރުކުރަން،" އޭޖީ ވިދާޅުވިއެވެ.

ޖީއެމްއާރާއެކު ވެފަައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ، އާބިޓްރޭޝަންގައި ހިނގިއިރު އެޓާނީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ރިފްއަތު ވަނީ ޖީއެމްއާރްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފްކޮށްދޭން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ލަފާދެއްވިންތޯ، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްވެސް މީގެކުރިން ވަނީ ސުވާލުކުރައްވައިފައެވެ.