ކ.ދިއްފުށީގައި ވައްކަން އިތުރުވެ، އާންމުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިންގައި ދެމީހަކު ޒަހަމްކޮށްލައިފިއެވެ.
ދިއްފުށީ ކައުންސިލް މެންބަރު އިބްރާހިމް ސާޖިދު "ވަން އޮންލައިން" އަށް މިރޭ ވިދާޅުވީ، އެރަށު ލަވްލީ ސްޓޯރު ފަޅާލައި، އެތަނުގެ ތިޖޫރި އާއި ކާޑުތަކާތަކާއި، ސިންގިރޭޓު ފޮށިތަކެއް ވަގަށް ނަގާފައިވާ ކަމަށާއި، އެތަކެތީގެ އަގަށް ގާތްގަނޑަކަށް އެއްލައްކަ އަށްޑިހަހާސް ރުފިޔާ އަރާނެކަމަށެވެ.
ސާޖިދު ވިދާޅުވީ މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން އެފިހާރަ ފަޅާލައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާ، ނަމަވެސް ވައްކަމުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
ސާޖިދު ވިދާޅުވީ ރައްޔިތުން މިރޭ ނުކުމެ، ވައްކަން ކުރާ މީހުން ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، ވައްކަންކުރި ދެމީހުންގެ ތެރެއިން މީހަކު ހޯދުމަށް އޭނާގެ ގެއަށް ދިޔައިރު އޭނާ ހުރީ ވަޅިއެއް ހިފައިގެންކަމަށެވެ. އަދި އޭނާގެ ކައިރިއަށް ދިޔަ ދެމީހަކަށް ވަޅިން ހަމަލާ ދީފައިވާކަމަށްވެސް ބުންޏެވެ.
ސާޖިދު ވިދާޅުވީ، ވަޅިން ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެގެން އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ގެންދާކަމަށެވެ. މިހަމަނުޖެހުންތަކުގައި ވައްކަންކުރި މީހާއަށްވެސް އަނިޔާލިބުނުކަމަށާއި އެމީހާއަށް އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށެވެ. އަދި ވައްކަންކުރި އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ދިއްފުށީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓް މިރޭ 9:30 ގައި ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ، ކ.ދިއްފުށީގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން ވައްކަން ކުރާ މީހުންވަނީ ވަޅި ބޭނުންކޮށްގެން ރައްޔިތުންނަށް ހަމަލާ ދީފަކަމަށެވެ.
ރައްޔިތުންގެ ތެރެއިން އެކަކުގެ ތިން އިނގިލީގެ ހިއްސު ކެނޑޭ ވަރަށް ބުރިވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުހުން ބުންޏެވެ.
ފުލުހުންބުނީ، ވައްކަން ކުރާކަމަށް ތުހުމަތު ކުރެވުނު އެކަކު ހައްޔަރުކޮށްފައިވާކަމަށާއި، އަނެކަކު މިރޭ ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރި ކަމަށެވެ