އިބްރާހިމް ޒަކީ
ތިމާގެ އަމިއްލަ ނަފްސަށްވުރެ، ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ނިމެން އެންމެ 6 ދުވަހަށް ވެފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، މަޖިލީހަށް އަލްވަދާއު ކިއުއްވާ، މެންބަރުންނާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުން ހިމެނޭ ގޮތަށް މިރޭ ދެއްވި ތަރާވީހުގައި ބައިވެރިވެވަޑައިގަތުމުގެކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ދެއްވަން ބޭނުންފުޅުވާ އެއް މެސެޖަކީ، އަމިއްލަ ނަފްސަށްވުރެ ރައްޔިތުންނާ ގައުމުގެ މަސްލަހަތު އިސްކުރުންކަމަށެވެ.
"19 ވަނަ މަޖިލިސް މެންބަރުންނަށް ދޭން ބޭނުންވާ އެއް މެސެޖަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އިސްކުރަންވާނީ ތިމާގެ އަމިއްލަ ނަފްސަށްވުރެ ރައްޔިތުންނާ ގައުމުގެ މަސްލަހަތު،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތެރޭގައި ގައި ތަފާތު އޮއިވަރުތައް އެނބުރެމުންދާނެ ކަމަށާއި، އޭގެން ސަލާމަތްވެ ގައުމާއި ރައްޔިތުން އިސްކޮށްގެން ކުރިއަށްދިއުމަކީ އަލަށް ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ބޭނުންވެ ވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހަކީ، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ގަވާއިދާ އެއްގޮތަށް، ރައްޔިތުންގެ މަޖިލިސް، ދިވެހި ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ މަޖިލީހަކީ ގަވާއިދާ އެއްގޮތަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން، އެ އުސޫލުތައް ދަމަހައްޓާ މަޖިލީހަކަށް ވެގެންދިއުން. ރައްޔިތުންގެ، ރައްޔިތުންގެ މަޖިލީހަށް ވެގެންދާތަން ފެނުން އެއީ އަޅުގަނޑުގެ އެދުމަކީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވަރަށް އެކްސްޕީރިއަންސް ބޭފުޅުންވެސް 19 ވަނަ މަޖިލީހުގައި އެބަތިއްބެވި ކަމަށާއި، އެބޭފުޅުން ދައްކަވާމަގުން ކުރިއަށް ވަޑައިގެންފިއްޔާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ އަޅުގަނޑުމެން މިހާތަނަށް ދެކޭނެ އެންމެ ރަނަގޅު ރައްޔިތުންގެ މަޖިލީހުގެ ގޮތުގައިކަމަށެވެ.
"ވަރަށް އެކްސްޕީރިއަންސް ބޭފުޅުންވެސް 19 ވަނަ މަޖިލިހުގައި އެބަތިއްބެވި. އޮނަރަބަލް ގާސިމް އިބްރާހިމް، އަނެއްކާވެސް ވިލުފުއްޓަށް ހޮވިވަޑައިގެންނެވި ހަސަން އަފީފުމެންފަދަ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގައި ދިގު ޒަމާނެއްގައި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުން. އެބޭފުޅުން ދައްކަވާ މަގުން ކުރިއަށް ވަޑަިގެންފިއްޔާ އަޅުގަނޑުހިތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ އަޅުގަނޑުމެން މިހާތަނަށް ދެކޭނެ އެންމެ ރަނގަޅު، ރައްޔިތުންގެ މަޖިލީހުގެ ގޮތުގައި،" ރައީސް އިބޫ ސޯލިހު ވިދާޅުވިއެވެ،.