މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސާ މަރިޔަމް ވަހީދާއާއި ބްރޯޑްކޮމްގެ މެންބަރު އަލީ ޔޫސުފުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މަރިޔަމް ވަހީދާއާއި ޔޫސުފުގެ ދައުރު މިއަންނަ މަހުގެ ފަސްވަނަ ދުވަހު ހަމަވާނެއެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައި ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޝަންގައި މިހާރު ތިބި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ، މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ 12:00 ޖެހުމާ ހަމަޔަށް ހުޅުވައިލާ ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި، އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 26 ގެ ކުރިން ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށް އިއުލާނުގައި ރައީސް އޮފީހުން ބުންޏެވެ. އެތަކެތި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.