އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ އެއް މެންބަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހަށް އަލްވަދާއު ވިދާޅުވާ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި، މިމަހު 28 ހުގައި ހުވައިކުރެއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާގޮތަށް މިރޭ ދެއްވި ތަރާވީހެއްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ކުރިން މީޑިޔާއާ ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އެންޑޯޒް ކުރައްވާ އެއްވެސް ބޭފުޅަކު އެބަހުންނެވިތޯ؟ ނޫސްވެރިއަކު ސުވާލު ދެންނެވުމުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހަސަން އަފީފުގެ މަސައްކަތް ފެނިވަޑައިގެންފައިވާ ކަމަށާއި، ހިތަދޫ އުތުރު ދާއިރާއަަށް އިންތިހާބުވެ ވަޑައިގެންފައިވާ މެމްބަރު މުހައްމަދު އަސްލަމާއެކީގައިވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ.
އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ހަސަން އަފީފަކީ އެކަމަށް އެންމެ އެކަށީގެންވާ އެއްބޭފުޅާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަސަން އަފީފުގެ މަސައްކަތް ފެނިފަ އެބަހުރި، އަޅުގަނޑަށް އަސްލަމާއެކީގަވެސް މަސައްކަތް ކުރެވިފަ އެބަހުރި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް ހަމަ އެންމެ އެކަށީގެންވާ އެއްބޭފުޅާ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، މަޖިލިސް ރައީސްކަމަށް އެމަނިކުފާނު ތާއީދު ކުރައްވަނީ ހަސަން އަފީފަށް ކަމަށް ބައެއް މީޑިޔާތަކުންވެސް ބުނެފައި ވަނިކޮށެެވެ.