އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް މިއަދު އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ސެޕްޓެމްބަރު 29، 2022 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރިއެވެ. 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާއެކު އެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތުގެ ދަށުން ބާ ޖަމާލުއްދީން ހުސްކޮށް އެތަން ތަޅާލަންވެސް ފެށިއެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ނިންމެވީ ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށްވާތީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 386 ނަންބަރު ކޮށީގައި އަރަބިއްޔާގެ އާ އިމާރާތް ހެދުމަށެވެ.
އެކަމަށްޓަކައި ސްކޫލުގެ ޑިޒައިނަށް ބަދަލުތަކެއް ގަނެސް، އަމިން ކޮންސްޓްރަކްޝަނާއެކު މަޝްވަރާކުރިއެވެ. ނަމަވެސް އެ ކުންފުނިން ހުށަހެޅި އަގު ބޮޑުކަމުން ހަަރަދު ކުޑަކުރުމުގެ ގޮތުން އެ ކޮންޓްރެކްޓް ބާތިލުކުރިއެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ލަސްވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މި މަހު ކުރީކޮޅު ޖަވާބުދާރީވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މަސައްކަތް ނުފަށައި ފަސްކުރީ 80 މިލިޔަން ރުފިޔާ ސަލާމަތްކުރުމަށް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މިދިޔަ ހަފުތާގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 152.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އާ ސްކޫލުގައި 40 ކްލާސްރޫމާއި ބޭސްމެންޓްގައި އަންޑާ ގްރައުންޑް ޕާކިން ޒޯނަކާއި ޓާފް ދަނޑެއް ހިމެނޭނެ ކަމަށާއި އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.