ޚަބަރު

ބޭނުންނެތް މަގާމުތައް އުވާލަައި ޕީއެސްއެމްގެ އިދާރީ އޮނިގަނޑަށް ބަދަލުގެންނަނީ

އަލީ އިހްސާން

ބޭނުންނެތް މަގާމުތައް އުވާލައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

ޕީއެސްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އިދާރީ އޮނިގަނޑު އަލުން އިސްލާހުކޮށް ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރިގެންދާކަމަށެވެ.

އެގޮތުން އެ މަސައްކަތް ކުރިއަށްދާއިރު، އުފެއްދުންތެރި ނޫން މުއައްޒަފުން، ނުވަތަ ބޭނުން ނެތް މަގާމުތައް އުވާލަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަދަ މަގާމުތައް އުވާލުމުގެ ކުރިން އެމަގާމު ތަކުގައި ތިބި މުއައްޒަފުން ކުންފުނީގެ އެހެން ދާއިރާތަކަށް ބޭނުންވާ މަގާމުތަކަށް ޝަރުތުހަމަވޭތޯ ބެލުމަށްފަހު، އެމުއައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދޭނެކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ، އަލީ ހާލިދު ވިދާޅުވީ ކުންފުނި ރީ ސްޓަރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކޮންޓްރެކްޓް މުއައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މުއައްޒަފުންގެ ތެރެއިން މަސައްކަތަށް ގާބިލުނޫން މުއައްޒަފުންގެ ކޮންޓްރެކްޓުތައް އުވާލެވޭކަމަށެވެ.

ރީސްޓަރަކުޗަރިންގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އަމާޒުހިފާފައިވަނީ މީޑިއާ ސެންޓަރުތަކުގެ މަސައްކަތްތައް ދިރާސާކޮށް އެތަންތަނަށް ގެންނަން ބޭނުންވާ މުއައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށް އެކުންފުނީގެ ޑިރެކްޓަރ ހިއުމަންރިސޯރސް އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.