ހުޅުމާލޭ ފްލެޓެއްގެ ދެވަނަ ބުރިން ފުންމާލަން އަންހެނަކު މިއަދު މަސައްކަތް ކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް، "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވިގޮތުގައި ހުޅުމާލޭގެ އިމާރާތަކުން މީހަކު ފުންމާލަން އުޅޭކަމުގެ މައްސަލައެއް މިއަދު ހެނދުނު ވަނީ ރިޕޯޓްކޮށްފައެވެ.
އެ މައްސަލަ ރިޕޯޓްކުރުމާއެކު، ސިފައިން އެ ސަރަހައްދަށް ގޮސް އެ އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެމީހާ ސަލާމަތްކުރީ ހެނދުނުގެ ވަގުތެއްގަ އެވެ.
އާޒިމް ވިދާޅުވީ އެ އަންހެން މީހާ ސަލާމަތްކޮށްފައި ވަނީ ހަރުގަނޑެއް ބަހައްޓައިގެން ކަމަށެވެ.
މަންޒަރު ދުށް ފަރާތެއް "ވަން އޮންލައިން" އަށް ކިޔައިދިން ގޮތުގައި އޭނާއަށް އެ މަންޒަރު ފެނުނު އިރު އަންހެން މީހާ އިނީ ފްލެޓުގެ ދެވަނަ ބުރީގެ ކުޑަދޮރެއްގެ "ލެޖް" މަތީގައެވެ.
"އެތާ ތިބި ބައެއް މީހުން ކީ އޭނާ އެތާ 0800 ޖެހިއިރުން ފެށިގެންވެސް އިން ކަމަށް. އޭނާ އިނީ ވަރަށް ހަމަޖެހިލައިގެން ލެޖްގައި ޖައްސާލައިގެން،" އޭނާ ކިޔައިދިނެވެ.
މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މީހާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ.
އަންހެންމީހާ ކުޑަދޮރު ކައިރީ އިށީނދެ އިން މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން އެނގޭ ގޮތުގައި އަންހެން މީހާ ވާހަކަތަކެއް ދައްކަ އެވެ. ނަމަވެސް އެ ވާހަކަތައް ސާފެއް ނުވެއެވެ.