ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް 21 ރަމަޟާން (26 މެއި) އިން ފެށިގެން 29 ރަމަޟާން (3 ޖޫން)ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަރަބިއްޔާ ސްކޫލުގެ ހޯލުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ، ރަތް ހަނޑޫ އަދި އާޓާ ފުށެވެ.

ހުކުރު ދުވަސް ފިޔަވައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ؛

  • ހެނދުނު: 9:30 އިން 12:00 އަށް
  • މެންދުރުފަހު: 13:00 އިން 14:30 އަށް
  • ރޭގަނޑު: 20:30 އިން 22:30 އަށް