މިދިޔަ ހޯމަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ލޯންޗެއްގެ ބެޓެރި ގޮވައި، ހިނގި ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ ބޭރަށް ފޮނުވުމަށް އެމްޓީސީސީން އެހީތެރިވަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، އިމްރާން ބޭރަށް ގެންދިއުމަށް ބޭނުންވާ ހަރަދުތައް އެމްޓީސީސީން ކުރަމުންގެންދާ ކަމަށާއި އާސަންދައާއި އެންސްޕާއިން ކަވަރުކޮށްފައި ބާކީ ހަދަދުތައް އެމްޓީސީސީން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝާހް ވިދާޅުވީ އޭނާގެ އާއިލާގެ ފަރާތުން އެމްޓީސީސީގެ އެހީއަށް އެދުނު ހުރިހާ ކަމެއް ކޮށްދީފައިވާ ކަމަށެވެ. އަދި އިމްރާނު ގާތު އަބަދުވެސް އެމްޓީސީސީގެ މުވައްޒަފަކު ޑިއުޓީގައި ހުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އިމްރާނުގެ ހަށިގަނޑުގެ 30 އިންސައްތަ ފިހިފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.