ރޯދަމަސް

ރަހަފަތް: ބަނބުކެޔޮ ސަންނެޓި

ޝަހީދާ އަބްދުﷲ ސައީދު

2

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.

ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. އެގޮތުން ބަނބުކެޔޮ ސަންނެޓިއަކީ ވަރަށް މީރު ކެއުމެކެވެ. ބަނބުކެޔޮލުގައި ތައްޔާރުކުރާ މި ކެއުމަށް އެކި ހިސާބުތަކުގެ މީހުން ކިޔައި އުޅެނީ އެކި ނަމެވެ. އެގޮތުން ސަންނައްޓު، އަދި ސަންނެޓިވެސް ކިޔައި އުޅެއެވެ. ސަންނަޓު ކައްކަން ހަވާދުގެ ގޮތުގައި ބޭނުންކުރާނީ ދިވެހި އޮށް ހަވާދެވެ.

ބޭނުންވާ ތަކެތި:

2 ބަނބުކެޔޮ (ރިހައަށް ކޮށާ ގޮތަށް ކޮށާފައި)

3 ގަނޑު ވަޅޯމަސް( ބައި އިންޗި ވަރަށް ކޮށާފައި)

1/2 ޖޯޑު ކާށި ކިރު (އޮލަކޮށް)

3 ފިޔާ

4 ލޮނުމެދު

3 ސައިސަމުސާ ރިހާކުރު

4 ސައިސަމުސާ ކޮތަންބިރި

2 ސައިސަމުސާ ދިރި

2 ސައިސަމުސާ ދަވިއްގަނދު

2 ސައިސަމުސާ އަސޭމިރުސް

6 ހިކިމިރުސް

3 ރޯމިރުސް

1 އިންޗި އިނގުރު

1/2 ޖޯޑު ހުނި

3 ކާފޫރުތޮޅި

އިންޗި ފޮނިތޮށި

ރީނދޫ، ލޮނު، ހިކަނދިފަތް، ރާނބާފަތް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮށާފައިހުރި ބަނބުކެޔޮތައް ތެއްޔަކަށް އަޅާފައި އުނދުންމައްޗަށް އުދާށެވެ. ތެއްޔަށް ފެން އަޅާނީ ބަނބުކެޔޮކޮޅު މަތިން އަރާވަރަށެވެ. ބަނބުކެޔޮ މަޑުކުރާއިރު، ރާނބާފަތް، ލޮނު، ހިކަނދިފަތް އަޅާށެވެ. އެއަށްފަހު ބައި ޖޯޑު ހުނީގެ ތެރެއަށް ފިޔާ، ލޮނުމެދު، ކޮތަންބިރި، ދިރި، ދަވިއްގަނދު، އަސޭމިރުސް، ހިކި މިރުސް، ރޯމިރުސް، އިނގުރު، ކާފޫރުތޮޅި، ފޮނިތޮށި، ކުޑަ ރީނދޫކޮޅެއް، ލޮނު، ރާނބާފަތް، ހިކަނދިފަތް، ލައިގެން ހުނި ގަނޑު މޮޑެލާށެވެ. އެހުރީ ރޯހަވާދު ހެދިފައެވެ. ދެން ރޯހަވާދު މިކްސަރަށް އަޅައިގެން ހިމުންކޮށް ފުނޑާށެވެ.

އެއަށްފަހު އުދާފައި ހުރި ބަނބުކެޔޮކޮޅު މަޑުވުމުން ދޭފަތުން ހަލައިލާށެވެ. މާބޮޑަށް މަޑު ނުކުރާށެވެ. މާބޮޑަށް މަޑުވެއްޖެނަމަ ހަވާދުގަނޑު އަޅައިގެން ކައްކާއިރު ބަނބުކެޔޮ ހުންނާނީ ޗަސްވެފައެވެ. ބަނބުކެޔޮކޮޅު މަޑުވުމުން ފުނޑާފައިހުރި ހަވާދުގަނޑާއި، ވަޅޯ މަސް، ރިހާކުރު، ބައި ޖޯޑު ކިރު އަޅައިގެން މަޑުގިނީގައި ކަށްކާށެވެ. ހަވާދު އަޅައިގެން 5 މިނެޓް ކައްކާލުމަށްފަހު ރަހަތައް ހެޔޮވަރުކޮށްފައި ބާލާށެވެ. މިއީ ރިހައެއް ނޫނެވެ. ހުންނަންވާނީ ވަރަށް އޮލަކޮށެވެ. މިއީ ރާއްޖޭގައި އެވޭލާ ޒަމާނުއްސުރެ ވަރަށް މަޝްހޫރު ކެއުމެކެވެ. ހާއްސަކޮށް އުތުރުގެ ހުރިހާ ރަށެއްގައިހެން ސަންނެޓި ކައްކައެވެ. ދުވަސްވީ މީހުން ބުނާ ގޮތުންނަމަ އެއްފަހަރު ކައިފި މީހަކު ސަންނެޓިއަށް ދެވިހިފާނެއެވެ. އެހެންކަމުން މިއީ ކިހާ ވަރެއްގެ ކެއުމެއްތޯ އަޖުމަ ބަލައިލުން ރަނގަޅުވާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟