ޚަބަރު

ޒަމާނީ ވަސީލަތްތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި

މުހައްމަދު އިޝާން

ޒަމާނީ ވަސީލަތްތަކަކާ އެކު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މީގެ ފަސް އަަހަރު ކުރިން ހިދުމަތް ދޭން ފެށި ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރަތްކުރި 25 ބުރީގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް އިމާރަތްކޮށް ނިންމައި ބޭނުންކުރަން ފެށި ނަމަވެސް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ވަސީލަތްތަކަކާ އެކު ބޭނުންކޮށްފައެއް ނުވެއެވެ.

ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން 143 މިލިއަން ޑޮލަރު ހަރަދު ކޮށްގެން އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލުން ފުރަތަމަ ހިދުމަތް ދޭން ފެށީ އޭޕްރިލް 2019 ގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނުތައް ޔާމީންގެ ސަރުކާރުން ގެނެސްފައިވީ ކުރީ ސަރުކާރުން އެތަކެތި ބޭނުން ނުކުރުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށެވެ.

ހަލީމް ވިދާޅުވީ މި ސަރުކާރުން އަލުން ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައިފައި މިވަނީ މީގެކުރިން ނުލިބޭ ގިނަ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމްކުރުމަށްފަހު ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ނެޝަނަލް ފާޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް އިފްތިތާހުކޮށްފައެވެ. އަދި ވަނީ އީއާރު، ކުޑަކުދިންނަށް ހާއްސަ އީއާރުއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.