ޚަބަރު

ހުޅުމާލޭ ބީޗް ސައިޑާއި ބީޗް ފްރަންޓުން އިތުރު އަށް ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު އަށް ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.

ބީލަމުގެ އުސޫލުން ދޫކުރާ މި 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ ދެ ބިމަކާއި ބީޗް ސައިޑުން ދޫކުރާ ހަ ބިމެކެވެ. އެގޮތުން ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައިވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާއެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ.

އެޗްޑީސީން ބުނީ، ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށްވެސް ބީލަން ހުށަހެޅޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހޭނެ ކަމަށް ބުންޏެވެ.

އަދި ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ލިބޭނެއެވެ.