ޚަބަރު

ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރާ 40 އަށްވުރެ ގިނަ ތަން ބަންދުކޮށްފިން: ފުލުހުން

މުހައްމަދު އިޝާން

މާލޭގެ އެކި ހިސާބުތަކުގައި ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރަމުންދިޔަ 40 އަށްވުރެ ގިނަ ތަންތަން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ ޑްރަގް ކެފޭ ހިންގާ ކަމަށް ފުލުހުންނަށް ތުހުމަތުކުރެވޭ ތަންތަނުގައި ޑިއުޓީ ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން މިހާރު ދަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރަމުންދާ ތަންތަން ބަންދުކުރަމުން ކަމަށެވެ. އެގޮތުން މިހާތަނަށް މާލެއިން 48 އަށްވުރެ ގިނަ އެފަދަ ތަންތަން ބަންދުކޮށްފައިވާނެ ކަމަށް ނާޙިދު ވިދާޅުވިއެވެ.

ފުލުހުންނަށް މިހާތަނަށް ރިޕޯޓުކޮށްފައިވާ ޑްރަގުގެ 683 މައްސަލައެއްގެ ތެރެއިން 345 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނޭ ޑްރަގް ޓްރެފިކިންގެ 19 މައްސަލައެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

އެކި ހިސާބުތަކުގައި ފުލުހުން ހިންގި އެންޓި ޑްރަގްސް އޮޕަރޭޝަންތަކުގައި 183 ކިލޯއަށްވުރެ ގިނަ ޑްރަގްސް އަދި 8400 އަށްވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ. އެއީ މަގުމަތީ އަގުން ބަލާނަމަ 385 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.