ސްރީލަންކާގައި ފިލައިގެން އުޅޭ ދިވެހިން ވެސް ޕާސްޕޯޓާއި ވިސާ އާކުރުމަށް ގުޅަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ހަމަލާތަކަށްފަހު ލަންކާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ދިވެހިންގެ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވާކަން ވަނީ ފާހަގަވެފައެވެ.
މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން، ހަބަރު ފަތުރާ ވަސީލަތްތަކުގެ އެޑިޓަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ލަންކާގައި ފިލައިގެން އުޅޭ ދިވެހިން ވެސް ޕާސްޕޯޓާއި ވިސާ ހެއްދުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅަމުންދާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާގައި ފިލައިގެން އުޅޭ ދިވެހިން ވެސް ޕާސްޕޯޓާއި ވިސާ ހަމަވެގެން، އެތަކެތި އާކުރުމަށް ގުޅާ ކަމަށާއި ބައެއް މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ ހަތަރު، ފަސް އަހަރުވެސް ވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ދިވެހިންނަކީ ކުށްވެރިންގެ ތެރޭގައި ހިމެނޭ މީހުން ކަމަށް އެމީހުން ގުޅާފައި މައުލޫމާތުދޭ ކަމަށާއި ނަމަވެސް އެމީހުން ދިރިއުޅެނީ ލަންކާގެ ކޮން ސަރަހައްދެއްގައި ކަމެއް އެމީހުން ހާމަނުކުރާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ވިސާ ހަމަވެފައިވާ ދިވެހިންގެ ތެރޭގައި ތައުލީމު ހާސިލުކުރުމަށް ލަންކާގައި އުޅޭ ދިވެހި ދަރިވަރުން ހިމެނޭ ކަމަށާއި އެ ދަރިވަރުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ވިސާ އާކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ލަންކާގައި ފިލައިގެން އުޅޭ މީހުންގެ ތެރޭގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހިމެނެއެވެ. އައްމަޓީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރި، ލަންކާ ހިމެނޭ ގޮތަށް ތިން ގައުމެއްގައި ޕޯސްޓަރު ހަރުކޮށްފައިވާ އިރު، އޭނާ ދިރިއުޅެމުންދަނީ ލަންކާގެ ލަގްޒަރީ ހޮޓާތަކުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެޗްޑީސީން، ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށެވެ. ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެއެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ ތުހުމަތުގައެވެ.