އުމުރުން 15 އަހަރުގެ ދަށުގެ ކުދިން ފޯނުގައި ހުންނަ ތަކެތި ޗެކް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ 14 އަހަރުގެ ކުއްޖަކަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައަކާ ގުޅިގެން އެ ކުއްޖާ ބޭނުންކުރާ ފޯނުތަކާއި އެ ފޯނުގައި ބޭނުންކުރާ ސިމް ކާޑު ތަކާއި މެމޮރީ ކާޑުތަކުގައި މައްސަލައާ ގުޅުންހުރި ކޯލް ލޮގް، މެސެޖު އަދި މީސް މީޑިއާގެ ވަސީލަތްތައް ކަމުގައި ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، އިންސްޓަގްރާމް، ސިގްނަލް، ފޭސްބުކްގެ އިތުރުން އެހެނިހެން އެޕްލިކޭޝަންތައް މެދުވެރިކޮށް މުވާސަލާތުތައް ކޮށްފައި ހުރިތޯ ބެލުމަށް އެތަކެތީގެ ޕާސްވޯޑާއި ލޮކް ކޯޑާއި ލޮކް ޕެޓާން އާއި ފިންގާ ޕްރިންޓާއި ފޭސް ރިކޮގްނިޝަން އާއި ޕިން ނަމްބަރު ދިނުމަށް 14 އަހަރުގެ ކުއްޖާ އަށް އަންގައި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށްޓަކައި އެތަކެތި ފުލުހުންގެ ފޮރެންސިކް ސާވިސަސްއަށް ފޮނުވައިގެން އެނަލައިޒް ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ނަމަވެސް ޖުވެނައިލް ކޯޓުން ފުލުހުން އެދުނު ގޮތަށް އެ އަމުރު ނެރެދީފައެއް ނުވެއެވެ. އެހެންވެ ދައުލަތުގެ ފަރާތުން ވަނީ ޖުވެނައިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައި ކޯޓުގައި ދައުލަތުން ވިދާޅުވެފައިވަނީ 15 އަހަރުނުވާ ކުޑަކުދިން ވެސް ޖިނާއީ ކުށެއް ކޮށްފާނެ ކަމަށް ޖިނާއީއަދުލުގެ ގާނޫނު ތަސައްވަރު ކޮށްފައިވާ ކަމަށެވެ. އެ ގާނޫނުން ލިބިދޭ އިމްތިޔާޒަކީ ކުށެއް ކުރި ނަމަވެސް އެ ކުށުގެ ޒިންމާ އުފުލަން ނުޖެހުން ކަމަށާއި ވީމާ ދައުލަތުން އެ ކުއްޖެއްގެ މައްޗަށް ދައުވާ ނުއުފުލާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ގާނޫނުއަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން 15 އަހަރުން ދަށުގެ ކުޑަކުދިން ކުރާ ކުށްތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުއްޖެއްގެ އަތުގައި ނުވަތަ އޭނާ ބޭނުން ކުރާ ވަސީލަތެއްގައި ހުރި ހެއްކެއް ނުވަތަ ގާރީނާއެއް ހޯދުމަށްޓަކައި އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިފިނަމަ، އެ ކުއްޖާގެ އަތުގައި ހުރި އެއްޗެއް ނުވަތަ އޭނާ ބޭނުން ކުރާ ވަސީލަތެއް، ގާނޫނު ތަންފީޒު ކުރާ އިދާރާއަށް ހަވާލުކުރުމަށާއި އެފަދަ ވަސީލަތެއް ހުޅުވުމަށް ބޭނުންވާ ޕާސްވޯޑް ނުވަތަ ލޮކް ކޯޑް ނުވަތަ ލޮކް ޕެޓާން ނުވަތަ އެހެން ވެސް އެއްޗެއް ދިނުމަށް އެ ކުއްޖާގެ މައްޗަށް އަމުރުކުރުމުގެ ބާރު ޖުވެނައިލް ކޯޓަށް ލިބިގެންވާ ކަމަށެވެ.
އަދި ކުއްޖާ ބޭނުންކުރާ ވަސީލަތަކާ ގުޅޭގޮތުން އެހެން އިދާރާއަކުން، މައުލޫމާތު ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން އެދި ހުށަހަޅައިފިނަމަ، އެ ކުއްޖާ ބޭނުންކުރާ ވަސީލަތާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާއަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ، ޖުވެނައިލް ކޯޓަށް އެފަދަ އަމުރު ނެރުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށެވެ.
"ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެކުއްޖާ ޖަވާބުދާރީވާން ބާރުއެޅުމާއި ގާނޫނާ ހިލާފު އަމަލު ހިންގާ ކުއްޖާ އާއި އެ އަމަލުގެ ސަބަބުން ގެއްލުން ލިބޭ ފަރާތް ގުޅުވައިދީ މައާފަށް އެދުމަށް ފުރުސަތު ހޯދައިދިނުމާއިި އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން މައުނަވީ ބަދަލެއް ނުވަތަ ހައްލެއް ހޯދައިދިނުމަށް މަގުފަހިކުރުމާއި ކުއްޖާއަށް ބޭނުންވާ ރިހެބިލިޓޭޓިވް ފަރުވާ ދިނުން ހިމެނޭ ކަމަށާއި ކުއްޖާއަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭނީ އެ ކުއްޖާ ކުށުގައި ބައިވެރިވެފައިވާ މިންވަރާއި ހަގީގަތް ދެނެގަނެވިގެން ކަމަށެވެ. އެކަން ކުރުމުގައި ފުލުހުން އަމުރަށް އެދި ހުށަހަޅާ އިރު ކުއްޖާއަކީ ތުހުމަތު ކުރެވޭ ކުއްޖެއް ކަމަށް ލިޔުމުން އެ ކުއްޖާއާ މެދު ޖިނާއީ ފިޔަވަޅެއް އެޅުމެއް ނޫން ކަމަށާއި ވަކިން ހާއްސަކޮށް އެކްސްޕާޓޭ އަމުރުތަކުގައި އެފަދައިން އޮތުމަކީ އެކުއްޖާއަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުއްޖާއަށް ފިޔަވަޅު އެޅުމެއް ނޫން ކަމަށް" ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުގެ ވާހަކަތަކަށް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން މައްސަލައިގެ ރައުޔުގައި ވިދާޅުވީ ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާ މެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދުގައި ވަނީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކު ގާނޫނާ ހިލާފު އަމަލަކަށް ހުށަހެޅުމުން އަމަލު ކުރާނެ ގޮތުގެ ތަފުސީލު ބަޔާންކޮށްފައި ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އިތުރުން ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދަށް މިފަދަ މައްސަލަތަކުގައި ރިއާޔަތް ކުރަންވާނެ ކަމަށެވެ.
އެ ގާނޫނުތަކާއި ގަވާއިދުތަކުން މަގު ދައްކާފައި ވަނީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކު ގާނޫނާ ހިލާފު އަމަލަކަށް ހުށަހެޅޭ ހިނދު، ޖިނާއީ ކުށުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގު ހިންގައިގެން ފިޔަވަޅު އެޅުމަކަށް ނޫން ކަމަށާއި ކުރިއަށް ދާންވީ މަގު ގާނޫނުތަކުގައި ސާފުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެ ނޫން މަގެއް ކޯޓުތަކަށް ހޯދައިދެވިދާނެ ކަމަށް ދައުލަތުން ދެކެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުޑަކުދިންގެ އުމުރު ފުރާއަކީ މީލާދީ ގޮތުން 15 އަހަރު ފުރި، 18 އަހަރު ފުރިފައި ނުވާ ކުދިންކަން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ވީމާ އަމުރަށް އެދި ފުލުހުން ހުށަހަޅާފައި ވަނީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖެއްގެ މައްޗަށް ޖިނާއީ ކުށުގެ ތުހުމަތުކޮށްފައެވެ. މި އަމުރަށް އެދުމަކީ އެ ކުއްޖާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އަޅާފައިވާ ފިޔަވަޅެކެވެ. އެދިފައި އެވަނީ އިތުރު ފިޔަވަޅު އެޅުމަށެވެ. އިސްވެ ބަޔާންވެ ދިޔަ ފަދައިން، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ މައްޗަށް ޖިނާއީ ކުށްކުށުގެ ތުހުމަތުކޮށް، އެ ކުދިންނާ ދެކޮޅަށް ޖިނާއީ ކުށުގެ ތަހުގީގު ހިންގައި، އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.
"ވީމާ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ މައްޗަށް ޖިނާއީ ކުށްކުށުގެ ތުހުމަތުކޮށް، އެ ކުދިންނާ ދެކޮޅަށް ޖިނާއީ ކުށުގެ ތަހުގީގު ހިންގައި، އެއްވެސް ފިޔަވަޅެއް
އެޅުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ވެސް އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިޔަސް ކުރެވިދާނެ ކަމެއް ނޫނެވެ. އެއީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.
ގާނޫނުއަސާސީގައިވާ ގޮތުން "ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާންވާނެ" ކަމަށެވެ.
އެ ހައްގަށް އަސަރު ކުރާ ފަދައަކުން، ކޯޓަކުން ކަމުގައި ވިޔަސް އެއްވެސް ނިންމުމެއް ނިންމޭނީ ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މައްޗަށް އޮތް ގާނޫނީ ނައްސަކުން ހުއްދަކޮށްފައި އޮތް މިންގަނޑެއްގައި، އެ މިންވަރަކަށް ކަމަށެވެ. އަދި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖެއްގެ ހައްގަށް އަސަރުކުރާ ފަދައަކުން ކޯޓު އަމުރެއް ނެރުން ހުއްދަވާ ގާނޫނީ އެއްވެސް ނައްސެއް ނެތުމުން، ޖުވެނައިލް ކޯޓުގެ ނިންމުމަށް ތާއީދުކުރުން ނޫން ގޮތެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ކުރި ހުކުމުގައި ވަނީ ޖުވެނައިލް ކޯޓުގެ އަމުރު ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ.