ޚަބަރު

އެމްއެމްސީ ހާޒިރުކުރި ކޮމިޓީ ބައްދަލުވުން މިއަދުވެސް ސިއްރު

އިބްރާހިމް ޒަކީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެންބަރުން ހާޒިރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން މިއަދު ވެސް ސިއްރު ކޮށްފިއެވެ.

ކޮމިޓީގެ މިއަަދުގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންއެވެ.

އެމްއެމްސީއާ ބެހޭގޮތުން ކޮމިޓީއަށް ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރުގެ އިދާރާތަކާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު ނާޅާ މައްސަލަ ހިމެނެއެވެ.

އެ މައްސަލަތައް ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލެވެ.

އެމްއެމްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކޮށްފައިވާ އިރު، މިއަހަރު ނޫސްވެރިކަމުގެ އެވޯޑް ދިން ގޮތާމެދު ވެސް ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އެމްއެމްސީގެ މެންބަރުން އިއްޔެ ވެސް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުންވެސް ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.