ޚަބަރު

ގަވާއިދަށް ނުފެތޭ ކަމަށްބުނެ މީޑިއާ ކޮމިޝަންގެ ބިލާ ބެހޭ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުން ހިމެނޭހެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް ހުށަހަޅާ ބިލާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅަން ފޮނުވި ކުއްލި މައްސަލަ ހުށަހަޅަން ރިޔާސަތުން ފުރުސަތު ނުދޭން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ މެންބަރު މީކާއިލް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އެ ކުއްލި މައްސަލައަކީ އެ މައްސަލައިގައި ހުންނަންވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ކުއްލި މައްސަލައިގައި ހަމަނުވަނީ ކޮން ޝަތުރުތަކެއް ކަމަށް ވިދާޅެއް ނުވެއެވެ.

މީކާއީލްގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި މައުލޫމާތާއި ހިޔާލު ފާޅުކޮށް ޝާއިއުކުރުމާއި މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

ނަމަވެސް އެ ބިލަކީ ރައީސުލްޖުމްހޫރިއްޔާ އަށް މުތަލަކަށް ބާރުތަކެއްދީ، މީޑިއާ ކޮމިޝަނެއް އުފެއްދުމާއި ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް ނޫސްތަކާއި މީޑިއާތައް ބަންދުކުރުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރަށް ލިބިގެންދާ ގޮތަށް އޮތް ބިލެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން މީޑިއާގެ މިނިވަން ކަން ގެއްލިގެންދާނެ ކަންތައްތައް ބަޔާކޮށް އެކަމުގެ ކަންބޮޑުވުންވެސް މީކާއީލް ވަނީ ކުއްލި މައްސަލައިގައި ހިމަނުއްވައިފައެވެ.

އެ ކުއްލި މައްސަލައިގައި ވަނީ، އެ ބިލަކީ ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ނާޖާއިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުކުރެވޭ ބޮޅެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިގެންވާ މިނިވަންކަމާއި އަސާސީ ހައްގުތައް ދާއިމީ ގޮތެއްގައި ނަގާލުމުގެ ނިޔަތުގައި ކަމަށް ވެސް އެ ކުއްލި މައްސަލައިގައި މީކާއީލް ތުހުމަތުކުރައްވާފައިވެއެވެ.