ޚަބަރު

ރައީސްގެ ވައުދު ފޮތުގައިވާ ހުރިހާ ކަމެއް ބަޖެޓުން ސަތޭކަ ޕަސެންޓް ނިންމާލާނެ: ފަލާހު

އިބްރާހިމް ޒަކީ

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފޮތުގައި ހިމެނޭ ހުރިހާ ކަމެއް ސަތޭކަ ޕަސެންޓް ނިންމާލެވޭނެ ބަޖެޓެއް ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު މިއަދު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަން ހުށަހެޅި އެންމެ ރަނގަޅު ބަޖެޓް ކަމަށާއި އެވަރުގެ ބަޖެޓެއް ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ. ބަޖެޓްގައި ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާ ކަމަށާއި، އެކަން ހިމަނާފައި ވަނީ މަޝްރޫއުތައް ފަށަން ނޫން ކަމަށާއި، މަޝްރޫއުތައް ފަށައި ނިންމަން ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މި ބަޖެޓުން ޝިފާ ނުލިބޭނެ އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

"އެހެންކަމުން މި ބަޖެޓް ދޮގުކުރާ މެންބަރަކު އަންނަ ދައުރަށް މަޖިލީހަކަށް ނުހޮވޭނެ، ރައްޔިތުން ބަލާނީ އެއީ ގަމާރެއްގެ ގޮތުގަ،" އިދިކޮޅު ފަރާތްތަކަށް ނިސްބަތް ކުރައްވައި ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ތަކަކީ، މީހުން ދިރިއުޅޭ 70 ޕަސެންޓް ރަށްތަކަށް ޒިޔާރަތްކުރައްވައި ރަށްރަށަށް ބޭނުންވާ ހުރިހާކަމެއް އޮޅުން ފިލުއްވައި، އެކަންކަން ބެއްލެވުމަށްފަހު ވެވަޑައިގެންނެވި ވައުދުފުޅު ތަކެއް ކަމަށެވެ. އެހެންކަމުން އެކަންތައް ބަޖެޓުން ފުރިހަމަ ކޮށްދީ ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.