ޚަބަރު

ރައީސް ޑރ. މުއިއްޒު އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިއްމުކަން މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސިޑްސް ގައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ރައީސް ވަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުދި ގައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ. އިން ކުރާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތައް ޝާމިލުކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެ ފަރާތުން ވެސް އިތުރު އެއްބާރުލުން ދިނުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.