ޚަބަރު

ވޯކް ޕާމިޓް ނެތް ދެ ބިދޭސީ ފަޅުވެރިން ތިބި ދޯންޏެއް ހިފަހައްޓައިފި

މަރިޔަމް ޝަހުދާ

2

ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން އެމްއެންޑީއެފްއިން ދެކުނުގެ އެކި އުޅަނދުތަކުގެ ދަތުރުކުރުންތައް ބަލައި ޗެކް ކުރުމުގެ ތެރެއިން ވޯކް ޕާމިޓް ނެތް ދެ ބިދޭސީ ފަޅުވެރިން ތިބި ދޯންޏެއް ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ހިފަހައްޓާފައިވަނީ ސ. ފޭދޫއިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެކެވެ. އެގޮތުން މި ދޯނީގެ ނަން ނެތް އިރު އެއްވެސް ފަޅުވެރިއަކަށް ދޯނީގެ ނަން ނޭނގޭކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ. އަދި ދޯނީގައި އެއްވެސް ދިވެއްސެއް ނެތް ކަމަށާއި، ދޯނީގެ އެއްވެސް ސެޓިފިކެޓެއްވެސް ނެތް ކަމަށް އެމްއެންޑީއެފް އިން ހާމަކުރިއެވެ.

މިދޯނި ހިފެހެއްޓި އިރު ދޯނީގައި ހުޅުމީދުގެ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސަލް ފިއުލް އަދި ފިހާރައަކަށް ގެންދާ އައިސް ކުކުޅު ހުރިކަމަށް އެމްއެންޑީއެފް އިން ހާމަކުރިއެވެ. އަދި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައިކަން އެންއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މިހާރު ދޯނި ދަތުރުކުރުން ހުތްޓުވާފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ. އަދި އިތުރަށް މައުލޫމާތު ދިން ގޮތުގައި ދޯނީގައި ތިބި ބިދޭސީ ފަޅުވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމްއެންޑީއެފް އިން ބުނީ މިދޯނި ވަނީ މިހާރު ފޭދޫ ބަނދަރަށް ގެންގޮސްފައެވެ.

މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟