ޚަބަރު

ވޯޓަ ބަންކަރިން އަށް ހާއްސަ އުޅަނދެއް ތައްޔާރުކޮށް ބޭނުންކުރަން ފަށައިފި

އިހަވަންދިއްޕޮޅުގައި އެމްޕީއެލް އިން ފެށި މެރިޓައިމް ވިޔަފާރީގެ ދަށުން ބޭރުން އަންނަ އުޅަނދު ފަހަރަށް ބޭނުންވާ ފެން ފޯރުކޮށްދޭން ހާއްސަ ބާޖެއް ބޭނުންކުރަން ފަށައިފިއެވެ.

އެމްޕީއެލް އިން އިއްޔެ ބުނީ، ފެން އުފުލުމަށް ހާއްސަ ބާޖެއް ހެދީ ތިލަފުށީގައި އޮތް އެ ކުންފުނީގެ ޑޮކްޔާޑުން ކަމަށެވެ. ތިލަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "ވޯޓާ ބަންކަރިން" އަށް ހާއްސަ ފެން ބާޖު ވަނީ ބާލައިފައެވެ. އަދި އެ ބާޖު ވަނީ އިއްޔެ އުތުރަށް ދަތުރު ފަށައިފައެވެ.

މިއީ 200 ޓަނުގެ ފެން ރައްކާ ކުރެވޭ ބާޖެކެވެ. މީގެ ފަހުން ވޯޓާ ބަންކަރިން އަށް ބޭނުން ކުރެވޭނީ މި ބާޖެވެ. އެމްޕީއެލުން ބުނީ މިއީ މެރިޓައިމްގެ ހިދުމަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ހަރުދަނާ ކުރެއްވުމުގެ ގޮތުން، އިގުތިސޯދީ އާ ސިނާއަތްތައް އުފެއްދެވުމުގެ މަސައްކަތްތައް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެގޮތުން ރައީސްގެ ވެރިކަމަށް އެއް އަހަރު ނުފުރެނީސް، އިގުތިސޯދަށް ދިރުން ގެނެސްދޭނޭ މުހިންމު މަސައްކަތްތަކެއް ފެށްޓެވި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ބަންކަރިންގެ ހިދުމަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު ފެށި މި ހިދުމަތުގައި، ވޯޓާ ބަންކަރިންގެ ހިދުމަތަށް ފުރަތަމަ ބޭނުން ކޮށްފައި ވަނީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ. އޭގެ ފަހުން ދެމަސް ދުވަސް ނުވަނީސް، މިއަދު މިވަނީ ވޯޓާ ބަންކަރިން އަށް ތައްޔާރު ކުރި ފެން ބާޖު ހިދުމަތަށް ނެރެވިފައެވެ. މިއީ ތިލަފުށީގައި އޮންނަ އެމްޕީއެލްގެ ޑޮކުޔާޑުގައި، އެމްޕީއެލް އިން ތައްޔާރު ކުރި ބާޖެކެވެ. މިއީ 200 ޓަނުގެ ފެން ރައްކާ ކުރެވޭ ބާޖެކެވެ. މީގެ ފަހުން ވޯޓާ ބަންކަރިން އަށް ބޭނުން ކުރެވޭނީ މި ބާޖެވެ،" ވަޖީހު ވިދާޅުވިއެވެ.

އެ ބާޖުގެ ހިދުމަތް ފުރިހަމަ ކުރުމަށް ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުންކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލް އިން އަންނަނީ އުތުރުގައި ބޯޓުތަކަށް މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ޕައިލެޓޭޖު ހިދުމަތާއި ކްރޫ ޗޭންޖު ކުރުމާއި ޝިޕް ޓު ޝިޕް ހިދުމަތްތަކާއި ލޯންޗުތަކުގެ ހިދުމަތްތަކާއި ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމާއި މެއިންޓެނެންސް ހިދުމަތްތަކާއި ޓަގް ސާވިސަސް ހިމެނެއެވެ.