ތިން މަސްތެރޭ ގައުމު ބަނގުރޫޓުވާނެ ކަމަށް ހީކޮށް، އެމްޑީޕީން ދިޔައީ އަލުން ވެރިކަމަށް ވިސްނަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ހަފުތާ 52" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ ވިސްނުމުގައި އެމްޑީޕީން ވަނީ ސަރުކާރުގެ ވަޒީރުންނަށް ހަމަޖައްސާނެ މީހުން ވެސް ކަނޑައަޅާފައި ކަމަށާއި ނަމަވެސް ކަންކަން ވެގެންދިޔައީ ހީކުރި ގޮތާ ހިލާފަށް ކަމަށެވެ.
"މި ބޭފުޅުން ފުރަތަމަ ހީކުރީ ތިން މަސް ދުވަސް ތެރޭގައި ގައުމު ބަނގުރޫޓުވާނެއޭ. މި ބޭފުޅުން ޝެޑޯ ކެބިނެޓު ވެސް ހެދި. ހަދައިގެން އަބްދުﷲ ޝާހިދުމެން ފަދަ ބޭފުޅުން ހީކޮށްގެން ތިބީ ދެން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ތިން މަހެއްހާ ދުވަސްތެރޭގައި ބަނގުރޫޓުވާނެއޭ. ވީމާ ތިމަންނަމެންނޭ ދެން ވެރިކަމަށް އަންނާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ތިން މަސް ފާއިތުވެގެން ގޮސް، އިތުރު ތިން މަސް ދުވަހަށް ވެސް އެމްޑީޕީން އިންތިޒާރުކުރި ކަމަށާއި ނަމަވެސް އެ ތިން މަސް ދުވަސް ވެސް ފާއިތުވެގެން ދިޔައީ ކަމަށެވެ. އަދި އެއަށްފަހު ވެސް ތަފާތު ވާހަކަދައްކައިގެން ބަނގުރޫޓުވާނެ ކަމަށް ހީކޮށްގެން ތިބި ކަމަށް ވިދާޅުވިއެވެ.
"ދެން ކިޔަން ފެށީ ބަލަ ވޯލްޑް ބޭންކުން ވެސް ބުނެފިއޭ ބަނގުރޫޓު ވެދާނެއޭ، ފިޗުންް ރޭޓިން ދަށްކޮށްފިއޭ، މޫޑީސް އިން ރޭޓިން ދަށްކޮށްފިއޭ، މިހާރު އެދަނީ ބަނގުރޫޓުވާށޭ. ދެން މި ބޭފުޅުން، ބައެއް ސިޔާސީ މަދު ފަރާތްތަކުން އެކިއެކި ކޮޓަރިތަކުގައާއި އެކި ތަންތާނގައި ސައްލާތައް ބާއްވާ ފަރާތްތަކުން ފޯރީގައި ގައުމު ބަނގުރޫޓުކުރަން ރާވައިގެން ބަނގުރޫޓުވަނީ ކަމަށް ބަލައިގެން އެކަމުގެ އުފާފާޅުކުރީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ އެ ހާލަތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅު ދިޔައީ ވަރަށް ހިކުމަތްތެރިކަމާއެކު ކުރިއަށް ކަމަށާއި އެއްވެސް ގައުމަކާ ނުޖެހި، ގައުމުތަކާ ބަރާބަރަށް ގުޅުން ބާއްވަވަމުން ވަޑައިގެންނެވި ކަމަށެވެ. އަދި 52 ހަފުތާ ފާއިތުވެގެންދިޔަ އިރު، ގައުމު ދަރާފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.