އެމްޓީސީސީ

ހަތަރު ރަށެއްގައި މަގު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ހަތަރު ރަށެއްގައި މަގު ހެދުމާއި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ އައިމިނަތު ޝާލާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

މަގުހެދުމާއި ތާރު އެޅުމަށް މިއަދު އެއްބަސްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫއާއި ރ. އުނގޫފާރު، ރ. ދުވާފަރު އަދި ލ. ފޮނަދޫއެވެ.

އޭގެ ތެރެއިން ހަނިމާދޫ ބޮޑެތި މަގުތައް ހަދައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުއަށް ހަރަދުކުރަނީ 46 މިލިއަން ރުފިޔާއެވެ. އަދި މަސައްކަތް ނިންމަން ޖެހެނީ 240 ދުވަސްތެރޭގައެވެ.

ރ. ދުވާފަރުގައި ބޮޑެތި މަގުތައް ހެދުމާއި ތާރުއެޅުމަށްޓަކައި އެމަޝްރޫއުއަށް ހަރަދުކުރަނީ 28.2 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ނިންމަންޖެހެނީ 240 ދުވަސްތެރޭގައެވެ. އަދި އުނގޫފާރުގައި ބޮޑެތި މަގުތައް ހެދުމާއި ތާރުއެޅުމުމަށް ހަރަދުކުރަނީ 19.3 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 240 ދުވަހެވެ.

ހައްދުންމަތީ ފޮނަދޫގެ ބޮޑެތި މަގުތައް ހަދައި ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ހަދަން ހަރަދުކުރަނީ 28.2 މިލިއަން ރުފިޔާއެވެ. އަދި އެ މަސައްކަތްވެސް 240 ދުވަސްތެރޭގައި ނިންމަންޖެހެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިމިނަތު ޝާލާ ވިދާޅުވީ މީގެ ކުރިން އެމްއާރްޑީސީއާއި އެ މަސައްކަތް ހަވާލުކުރި ނަމަވެސް މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ.

އަދި އެމްއާރްޑީސީއަށް ކުރެވިފައި ހުރި މަސައްކަތަކީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތް ކަމަށާއި ތާރު އެޅުމުގެ މަސައްކަތް ބޭނުންވާ މިނުގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ޝާލާ ވިދާޅުވިއެވެ. އެމަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ އެމްއާރުޑީސީއާއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާލުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.