ޚަބަރު

އެމްޓީސީސީގެ "ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް" އަށް ހުޅުވާލައިފި، އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ

ފާތިމަތު ލިޔުޝާ

ފަސްހާސް ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމައި، އެމްޓީސީސީގެ "ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީނު ލިބިފައިވާ، އަހުލުވެރި ދިވެހީން ބިނާކުރުމަށްޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެމްޓީސީސީން މިއަދު ބުނީ މިފަހަރުގެ ޕްރޮގްރާމުގެ އަމާޒަކީ އެ ޕްރޮގްރާމްގެ ތެރެއިން "ހުނަވަރު ސޭލްސް ޓްރެއިނީ" މަގާމުގައި ދިހަ ފަންނުވެރިން ތަމްރީނު ކުރުމެވެ. އެ ތަމްރީނުތަކުގައި އުނގަންނައިދިނުމަށް ހަމަޖެހިފައިވަނީ މުދާ ވިއްކުމާއި ކަސްޓަމަރުންނާ މުއާމަލާތު ކުރުމުގެ ހުނަރާއި އެ ކުންފުނީގެ ޕޮރޮޑަކްޓްތަކާއި ހިދުމަތްތަކުގެ އަލަމި ތަޖުރިބާ ހޯދައިދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ. ތަމްރީނުތަކަށްފަހު އިވެލުއޭޝަނުން ފާސްވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށާއި މިމަހުގެ 27ގެ ނިޔަލަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކަކީ ދަށްވެގެން ޖީސީއީ އޯލެވެލުން ތިން ފާސް ހާސިލުކޮށްފައިވާ، ފީލްޑް ސޭލްސް ހަރަކާތްތަކާއި ފީލްޑް ވިސިޓްތަކަށް ދިއުމަށް ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ވާންޖެހެއެވެ. މެރިން އިންޑަސްޓްރީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިތުރު އިސްކަމެއް ދޭނެ ކަމަށާއި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް 5،000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސެއް ވެސް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ އެފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުން ކަމަށާއި އެ ކުންފުނީގެ މަސައްކަތުގެ މައިދާނުގައި ބޭނުންވާ އެފަދަ ފަންނާއި ހުނަރުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކި، އެފަދަ ފުރުސަތުތައް ދިވެހި މުޖުތަމައަށް ފަހިކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިސް ސަފުގައި ދެމިއޮތުން ކަމަށެވެ.