ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި، "ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިން އާލީ ވޯނިންސް ފޯ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް"ގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ މައުނަވީ އަދި އިގުތިސޯދީ ލަރޫރަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސެންޑާއި ފްރޭމްވޯކަށް ރާއްޖޭން ބޮޑު އަހަމިއްޔަތު ކަމެއްދޭ ކަމަށާއި އެގޮތުން ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުން ހުރި އިސްތިރާޖީ މަގުޗާޓެއް ގައުމީ ފެންވަރުގައި އެކުލަވާލި ގައުމަކީ ރާއްޖެ ކަމަށެވެ.
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭނުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިސާތަކަށް ތައްޔާރުވުމުގެ އިތުރުން، ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީސާތަކުން ލިބޭ ގެއްލުން ރެކޯޑް ކުރާނެ ޑޭޓާބޭސްއެއް ގާއިމުކޮށް، އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުން ފަދަ ކުރިއެރުންތައް ހޯދިފައިވާ ކަމަށެވެ.
އާންމު އިންޒާރު ދޭ އުސޫލު ނުވަތަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ހަރުދަނާކުރުމާއި އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ސިސްޓަމްތައް ހަރުދަނާ ކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތަކަށް ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށްޓަކައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ވަސީލަތްތަކުގެ އެހީތެރިކަން އަދި މެރީން ފޯކާސްޓިންގެ ރޮނގުން އެހީ ބޭނުންވާކަން ހާމަކުރައްވައިފައެވެ.