ހެލްތް ޕްރޮޓެކްޝަން އެޖެންސީ

މިމަހުގެ 31 އިން ފެށިގެން ދުންފަތާ ބެހޭ އާ ގަވައިދަށް އަމަލުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުންފަތާ ބެހޭ އާ ގަވައިދަށް އަމަލުކުރަން ފަށާނެ ކަމަށާއި ގަވައިދާ ހިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާއިބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަނޑައެޅިފައިވާ ތަންފީޒީ ސުންގަޑިއަކީ މިމަހުގެ 31 ކަމަށެވެ. މިމަހުގެ 31 އިން ފެށިގެން ވަކި ސިގިރެޓް ވިއްކުން މަނާވާނެ އެވެ.

ރާއްޖޭގައި ބަންދުކުރާ އަދި ރާއްޖެއަށް އެތެރެކޮށް ރާއްޖޭގައި ވިއްކާ ދުންފަތާއި ދުންފަތަުގެ ބާވަތްތައް ބަންދުންކޮށްފައި ހުންނަންވާނީވެސް އަދި ވިއްކަންވާނީވެސް ގަވައިދުގައިވާ މިންވަރަށް ކަމަށް ބުނެފައިވެއެވެ. އެގޮތުން މަދުވެގެން ވިހި ސިގިރެޓް ހިމެނޭ ފޮއްޓެއް، ފަންސާސް ބިޑި ހިމެނޭ ފޮއްޓެއް ނުވަތަ ބޮނޑިއެއް، ދުންފަތުގެ އެހެނިހެން ބާވަތްތައް 30 ގްރާމް ހިމެނޭގޮތަށެވެ.

އަދި ޖުލައި މަހުގެ 31 އިންފެށިގެން ރާއްޖޭގައި އުފައްދާ ރާއްޖޭގައި ބަންދުކުރާ، އަދި ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތައް ފޮޓޯޖެހި ސިއްހަތުގެ އިންޒާރުޖެހުން ލާޒިމުވާނެއެވެ.

މީގެއިތުރުން 30 ނޮވެންބަރު 2019 އިންފެށިގެން ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތައް ފޮޓޯޖެހި ސިއްހަތު އިންޒާރުނެތި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ.

މިގަވައިދާ ހިލާފުވެއްޖެ މީހަކު އެކުށްކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ ދިހަ ގުނައިން ޖޫރިމަނާކުރެވޭނެއެވެ.

އެގޮތުން ދެވަނަ ފަހަރަށް ފަސް ހާސް ރުފިޔާ، ތިންވަނަ ފަހަރަށް ދިހަ ހާސް ރުފިޔާ، އަދި ހަތަރުވަނަ ފަހަރު ވިހި ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ފަސް ވަނަފަހަރަށް ޖޫރިމަނާކުރެވޭނީ ގާނޫނުގައި ޖޫރިމަނާކުރުމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުންނެވެ.