އިބްރާހިމް ޒަކީ
މެނިންގޯކޮކަލް ކޭސްއާ ގުޅިގެން ކުރަމުން އައި ކޮންޓެކް ޓްރޭސިންގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އެ މަސައްކަތް ނިންމައިލީ މެނިންގޯކޮކަލް އާގުޅޭ ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދިނުމަށްފަހުގައި ކަމަށެވެ. އަދި އޭގެ އިތުރު ކޭސް އެއް ރިޕޯޓު ކޮށްފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ނުރައްކާތެރި ބައްޔެއް ކަމަށްވާ، މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަން ފެށީ ހުސްވި ޖޫން މަހުގެ 25 ގައެވެ. ނަމަވެސް ބަލި ފެތުރެމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން އޭރުވެސް ބުނެފައިވެއެވެ.
އެޗްޕީއޭއިން އޭރު ވަނީ މެނިންގޯކޮކަލިން ބަލީގެ ކޭސްއެއް ފެނުމާ އެކު ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދީފައެވެ.
އެޗްޕީއޭއިން ބުނީ މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ކަމަށެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެ ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މެނިންޖައިޓްސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި މެނިންޖައިޓްސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފުތާވަރު ނަގާނެ ކަމަށެވެ.
އެ ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.