މުއްސަނދީންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޭ މެޑިކަލް ވެލްފެއާ، ލޯނެއްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ތަފުސީލުގައި ބުނެފައިވަނީ މެޑިކަލް ވެލްފެއާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެލްފެއާ ދޭ އުސޫލުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މުއްސަނދީންނަށް އެ އެހީ ދޭނީ އިންޓަރެސްޓް ފްރީ ލޯނެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް މިހާރުވެސް އެ އެހީ ލިބޭ އުސޫލުން، އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އާސަންދަ ކަވަރު ނުކުރާ ހިދުމަތްތަކާއި އާލާތްތަކާއި އެހެނިހެން ހަރަދުތައް އެންސްޕާ މެޑިކަލް ވެލްފެއާ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށެވެ.
އޭގެ މައިގަނޑު މަގުސަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނީ، ބައްޔަކަށް ހޯދަން ޖެހޭ ފަރުވާ ހޯދުމުން ފަގީރުކަމަށް ވެއްޓިދާނެ ހަރަދުތަކުން ރައްޔިތުން ރައްކާތެރިކުރުން ކަމަށާއި އަދި އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.