މުޙައްމަދު ޝަމްޢޫން
ނައިންޓީ ޕްލަސް އިން އިންތިޒާމް ކޮށްގެން ބާއްވަން މަސައްކަތް ކުރާ ގޯލްޑް ކަޕް ބޭއްވުމާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެއްވެސް ހާލެއްގައި ދެކޮޅު ނޫން ކަމަށާއި، އެ މުބާރާތް އެންޑޯޒް ނުކުރެވެނީ ނައިންޓީ ޕްލަސްއަކީ އެންޑޯސް ކުރެވޭނެ ގޮތަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ނުވާތީ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ޒުހޫރު އިއްޔެ "ވަން ސްޕޯޓްސް"އަށް ވިދާޅުވީ އެފްއޭއެމްގެ ކަންކަން ރަނގަޅު ކުރުމަށް އެތައް ޗެލެންޖްތަކެއް ސަރުކާރުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން އެބައިހުރި ކަމަށާއި، އެކަމުގެ ތެރެއިންވެސް މިހާރު އަދި އަމިއްލަ ފަރާތްތަކުގެ މުބާރާތްތަކަށްވެސް ހައްލު ހޯދަން ޖެހުން އެއީ އިތުރު ޗެލެންޖެއް ކަމަށެވެ.
"މިހާރު މިއޮތް ހާލަތުގައި ބައެއް ޕްރައިވެޓް ޕާޓީސްތަކުންވެސް މުބާރާތްތައް ރާވައި ހިންގަން މަސައްކަތް ކުރަމުން މިދަނީ. އެ ކަންތައްތަކަކީ އެފްއޭއެމްގެ އޮނިގަނޑުގެ ތެރޭގައި ރަޖިސްޓްރީ ނުވާ ބަޔަކު ކުރާ ކަންކަމަށް ވާނަމަ، އެކަންކަމަކީ ފީފާއާއި އޭއެފްސީގެ ގަވާއިދު ތެރެއިން އެފިލިއޭޓް ވެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން އެ މަސައްކަތް ކުރަން މިޖެހެނީ ފީފާއާއި އޭއެފްސީގެ ވަކި އުސޫލުތަކެއްގެ ތެރެއިން އެފިލިއޭޓް ވެވޭނެ ބަޔަކާއެކު. އެގޮތަށް އެފިލިއޭޓް ވެވެން އޮތް ކޮންމެ ބަޔަކާއެކުވެސް މަސައްކަތް ކުރަމުން މިދަނީ،" ޒުހޫރު ގޯލްޑް ކަޕާ ގުޅޭ ގޮތުން ވިދާޅުވިއެވެ.
އެފްއޭއެމްގައި ކުރީން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) އާއި ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އިސްވެ، އިއުލާނު ކުރި ނައިންޓީ ޕްލަސް ގޯލްޑް ކަޕަކީ ރާއްޖޭގެ ފުޓުބޯޅަ ފޯރި އަލުން ދަނޑަށް ގެނައުމަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ.
އެ މުބާރާތް ފުރަތަމަ އިއުލާނުކުރީވެސް ސްޕޯޓްސް މިނިސްޓްރީގެ އެންޑޯސްމަންޓާ އެކުގައެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 22 ރަށަކުން، ނުވަތަ ސިޓީއަކުން ބައިވެރިވެފައިވާ އިރު، ގޯލްޑް ކަޕް ތާވަލުކޮށްފައި އޮތީ، މިމަހު 20 އިން އަންނަ މަހުގެ 25 އާ ހަމައަށް ކުރިއަށްދާ ގޮތަށެވެ. އަދި މުބާރާތް ބާއްވަން ނިންމާފައި އޮތީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.
އެ މުއްދަތަށް އެފްއޭއެމްއިން އެމްއެސް ސޮކާމޭޓްއާއެކު 16 އަހަރުން ދަށުގެ ޔޫތު ލީގު ކުރިއަށް ގެންދަން ނިންމައި ދަނޑު ބޭނުންވާކަމަށް އިއުލާނުކޮށް، އިންޓާނަލް މެމޯއެއް ނެރެފައިވެއެވެ. އެހިސާބުން ގޯލްޑް ކަޕާއި އެފްއޭއެމްއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވީ ނަމަވެސް، މިހާރު ސްޕޯޓްސް މިނިސްޓްރީން ވަނީ ނައިންޓީ ޕްލަސްއަށް ދަނޑު ދޫކޮށްފައެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ ޗެއާމަން ޒުހޫރު ވިދާޅުވީ ނައިންޓީ ޕްލަސްއަށް ދަނޑު ދިންކަން އެފްއޭއެމްގެ މައުލޫމާތަށްޓަކައި އަންގާފައިވާ ކަމަށެވެ.
ޒުހޫރު އިތުރަށް ވިދާޅުވީ މިނިސްޓްރީން ނައިންޓީ ޕްލަސްއަށް ގޯލްޑް ކަޕް މުބާރާތް ހިންގަން ދަނޑު ދިނީ ގޯސް ނިޔަތެއްގައި ނޫނީ އެފްއޭއެމްއާ ދެކޮޅަށް ހެދުމަށް ނޫން ކަމަށާއި، އެއީ ފުޓުބޯޅަ މަޑުޖެހިފައި އޮތް އޮތުމާއެކު އަލުން ދިރުމެއް ގެންނަން ރަނގަޅު މުބާރާތަކަށް މުބާރާތް ވާނެތީ ކަމަށެވެ. އެކަމުގައި މިނިސްޓްރީއާ އެފްއޭއެމްއާވެސް މިހާރު މަޝްވަރާކޮށް، ކުރިއަށް ދެވެން އޮތީ ކޮން ގޮތަކަށްތޯ މަޝްވަރާ ކުރެވިފައިވާނެ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.
އޭގެ އިތުރުން ޒުހޫރު ވިދާޅުވީ ޔޫތު ލީގު ބާއްވަން ސޮކާ މޭޓްސްއިން އެފްއޭއެމްއާ މަޝްވަރާކުރީ ނައިންޓީ ޕްލަސްއިން މުބާރާތެއްގެ މަޝްވަރާ ކުރުމުގެ ކުރިން ކަމަށާއި، ނައިންޓީ ޕްލަސްގެ ކިބައިންވެސް އެދުނީ އެފްއޭއެމްއަށް ރަސްމީކޮށް ލިޔެ، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއް ރަސްމީކޮށް ހޯދޭނެ މަގެއް ހޯދުމަށް މަޝްވަރާ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ނައިންޓީ ޕްލަސްއިން އެފްއޭއެމްއަށް އެކަމުގައި ލިޔެފައި ނުވާ ކަމަށް ޒުހޫރު ފާހަގަކުރެއްވިއެވެ.
"(ދަނޑުގެ) މައްސަލަ ޖެހުނީމަ އަޅުގަނޑުމެންނަށް އެބައޮތް (ނައިންޓީ ޕްލަސް) އިން ސިޓީ ފޮނުވާފަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މެންޑޭޓް މި އޮންނަ ގޮތުން ފީފާއާއި އޭއެފްސީގެ ސިސްޓަމަށް ނުފެތޭ ކަމެއްގައި އެފިލިއޭޝަން ދެވޭ ގޮތަކަށް ނޫން މި އޮންނަނީ. އެއީ އަޅުގަނޑުމެންނަކީ ފީފާއާއި އޭއެފްސީގެ އެފިލިއޭޓެޑް ބޮޑީއެއްވީމަ. އެހެން ނަމަވެސް ސްކޯޕުން ބޭރުގައި ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެމުން ދާނަން،" ޒުހޫރު ފާހަގަކުރެއްވިއެވެ.
ޒުހޫރު ވިދާޅުވީ ނައިންޓީ ޕްލަސްއާއެކު ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ފީފާއާއި އޭއެފްސީ މެންޑޭޓް ތަންދޭ މިންވަރަކުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މުބާރާތަކީ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ "އިންޓަރެސްޓް" ބޮޑު ކަމެއްކަމަށް ވުމުން އެއްބާރުލުން ދެވޭނެ އެންމެ ބޮޑަކަށް ދޭން ބޭނުންވާ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ފީފާއާއި އޭއެފްސީގެ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދެވޭތޯ. އެއީ ރާއްޖެއަށް އިންޓަނޭޝަނަލީ ކުރިއަށް ދާން ބަލާއިރު އެއީ މުހިއްމުވާނެ ކަންތައްތައް ކަމަށްވާތީ. އަމިއްލަ ކޮންމެ ބަޔަކު ނުކުމެ، ތިމަންނަމެން މުބާރާތެއް ބާއްވަން ބުނީމާ އެފްއޭއެމްއިން އެކަން ހިންގަން ވެއްޖެއްޔާ، ފީފާ އެފިލިއޭޓް ވެގެން މުބާރާތްތައް ހިންގަން އޮންނަ މަގަށް ހުރަސް އެޅިގެން އެބަދޭ،" ޒުހޫރު ވިދާޅުވިއެވެ.