"އިސްތަށިގަނޑު ދޮންނަން ވާނީ ހެނދުނުތޯ ނުވަތަ ރޭގަނޑުތޯ؟" މީވެސް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. މި ސުވާލާ ގުޅިގެން ގިނަ ވާހަކަތަކާއި ބަހުސްތައް ކުރެވިފައިވެއެވެ.
ރޭގަނޑު އިސްތަށިގަނޑު ދޮވުމުގެ މާނައަކީ ތެތްކޮށް ނުވަތަ ފެންވަޔާއެކު ނިދަން އޮށޯތުމެވެ. މިއީ ވަރަށް ނާޒުކު ހާލަތެކެވެ. ފެނުގެ އަސަރުން އިސްތަށީގެ މޫތަކުގައި ހުންނަ ކެރެޓިން ފަށަލައިގެ ބާރު ދެރަވެއެވެ. މި ފަށަލަ ބަލިކަށިވުމުން އިސްތަށި ފަސޭހައިން ހަލާކު ވެ، އެކި ކަހަލަ ގެއްލުންތަކަށް ހުޅުވިގެންދެއެވެ.
ތެތްކޮށް ނިދަން އޮށޯތުމުން ބޮލުގެ ހަމުގައި ތެތްކަން އިތުރުވެއެވެ. މީގެ ސަބަބުން ބޮލުގެ ހަމުގައި ދިރުން އުފެދި، ރަތްވެ، ހިކި ހަމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ރޭގަނޑު ވަގުތުތަކުގައި ބޮލުން ހަންފޮޅުމަށްމަގުފަހިވެއެވެ.
ޝޭމްޕޫ ހޭކުމަށްފަހު އިސްތަށިން ފަސޭހައިން ނުފިލުވޭ މައްސަލައާ ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ސަބަބުން އިސްތަށީގެ ބޯކަން ދަށްވެ، އަލުން ރަނގަޅު ހާލަތަކަށް އައުމަށް ވަގުތު ނަގައެވެ. އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދުމުގެ ސަބަބުން އިސްތަށީގެ ފައިބަރު ނާޒުކު ވެ، ބާލީހުގައި އުނގުޅުމުގެ ސަބަބުން އިސްތަށި ފަސޭހައިން ހަލާކުވެ، ރޭގަނޑު ވަގުތުތަކުގައި އިސްތަށި ކެނޑި، ހެނދުނު ތެދުވާއިރު އިސްތަށި ފައިބާފައި ހުރުމުގެ ފުރުސަތު ބޮޑުވެއެވެ.
ހެނދުނު ތެދުވާއިރު އިސްތަށިގަނޑު ސާފުވެ، ވައި ދައުރުވާ ގޮތަށް ހުންނާނެކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ރޭގަނޑުގެ ވަގުތުތަކުގައި ތެތްކަން އިތުރުވެ، އިސްތަށި ތެތްވެފައި ހުރުމުގެ ސަބަބުން ހެނދުނު ތެދުވާއިރު އިސްތަށިގަނޑު ތެޔޮވެ، ތަތްލައި، ހިތްގައިމުނޫން ގޮތަކަށް ބަރުވެފައި ހުންނާނެއެވެ.
އަވަސް އަވަހަށް ގެއިން ނުކުންނަން ޖެހޭ ހެނދުނުތަކުގައި ރޭގަނޑު އިސްތަށިގަނޑު ދޮވުން ރަނގަޅުކަމަށް ފެނިދާނެއެވެ. ނަމަވެސް، ފަސޭހައަށްވުރެ ބޮޑަށް އޭގެ ނޭދެވޭ އަސަރުތަކާމެދު ވިސްނަން ޖެހެއެވެ.
މިކަމުގެ ސަބަބުން އިސްތަށިގަނޑާއި ބޮލުގެ ހަމަށް ގެއްލުންވުމުގެ އިތުރުން، ބެކްޓީރިއާ އާއި ފަންގަސް އުފެދި، ކުއްލިއަކަށް ބަލިވުމުގެ ފުރުސަތުވެސް އޮވެއެވެ. ކުދި ދިރޭތަކެތި އާލާވަނީ ހޫނު އަދި ތެތް މާހައުލުގައެވެ. އެފަދަ މާހައުލެއް ތިޔަ ހޯދައިދެނީ އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދަން އޮށޯވެގެންނެވެ. އެހެންކަމުން، އިސްތަށިގަނޑު ހިއްކުމަށްފަހު ނުވަތަ ގުދުރަތީ ގޮތުން ހިކުމަށްފަހު ނިދަން އޮށޯތުމަށް މަސައްކަތްކުރާށެވެ. އަދި ސިލްކު ނުވަތަ ސެޓިން ބާލީހު އުރައެއް ބޭނުންކޮށްގެން އިސްތަށިގަނޑަށް ރައްކާތެރިކަމާއި ފަސޭހަކަން ހޯދައިދޭށެވެ.