މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް އެހީވުމަށް ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އޮނަތިރީސް ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ (ކޮޕް29) ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިން ކްލައިމެޓް ފައިނޭންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައަޅަން ޖެހޭ ކަމަށާއި މި ލަނޑުދަނޑިން ދޭ މެސެޖަކަށް ވާންޖެހޭނީ އެންމެ ނާޒުކު ގައުމުތައް ބާކީ ނުވާނެ މެސެޖަކަށް ކަމަށެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމު ކަމަށެވެ.
އަދި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ނާޒުކުކަމަށް ކުރާ ހަރަދަކީ ތަކުލީފެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައި މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް ގޮވާލެއްވިއެވެ.
މިކަމުގައި ޕްރައިވެޓް ސެކްޓާގެ މުހިންމު ދައުރު ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އެ ދާއިރާގެ އެހީތެރިކަމާ އެކު ފަހި އިނާޔަތްތަކަކާއެކު މާނަވީ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކުރެވޭނެ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުން ލޯން ދޫކުރާ ރަސްމީ ފަރާތްތަކާ ގުޅިގެން އެކަށޭނަ ގޮތްތަކެއްގައި ލޯނު ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ލުއި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ރައސީސް އެދިވަޑައިގެންނެވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޒަރޫރީ އެހީ ހޯދުމުގައި ސިޑްސްއަށް ފަސޭހަ ކުރުމަށްޓަކައި ގްރާންޓް ބޭސްޑް ފައިނޭންސިން އަދި ކޮންސެޝަނަލް އިންސްޓްރުމަންޓްތަކަށް ބިނާކޮށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ސިޑްސްގެ ގައުމުތައް ބާރުވެރިކުރުވުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއީ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާ ދަނޑިވަޅެއް ކަމަށާއި މިކަމުގައި ފިޔަވަޅު ނޭޅުން ނުވަތަ ފިޔަވަޅު އެޅުން ލަސްކުރުމަކީ ރާއްޖެ ފަދަ ގައުމުތަކަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމުތަކުގެ މުސްތަގުބަލަށްޓަކައި މިކަން ނާކާމިޔާބުވިޔަނުދީ، ކާމިޔާބީއަށް ވާސިލުވުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.