ޚަބަރު

ކާރެއްގެ ތެރޭ މީހަކު ރަހީނުކުރި މައްސަލައިގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކާރެއްގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށް، ފައިސާއަށް ޑިމާންޑް ކުރި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މީގެ އިއްޔެ ވަނީ އެކަކު ހައްޔަރުކޮށްފައެވެ. އެއީ ތަލާލް މޫސާ، ދަފްތަރު ނަންބަރު ރސ. 9022 (37އ) އެވެ.

އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައަކާ ގުޅިގެންނެވެ.

އޭނާގެ އިތުރުން އެ ސީން އިން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ހުމާމް އިބްރާހިމް (34އ)، ރަތްބަގީޗާގެ / ހދ. ކުމުންދޫ އާއި ހުސެއިން ހައިކަލް (23އ)، ގ. ކަޅަގާރިމާގެ އާއި އާދަމް ޝަރީފް (36އ)، ރަތްބަގީޗާގެ / ހދ. ކުމުންދޫ އަދި އަހުމަދު ރިޝްފާން (26އ)، ހުޅުމާލެ ފްލެޓް 04-1-71 އެވެ.

ފުލުހުން ބުނީ އެ ފަސް މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ހުޅުމާލެ ކޯޓަށް ހާޒިރު ކުރުމުން، އެންމެންގެ ވެސް ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.