ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިގޮތަށް ހަމަޖެއްސެވީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ އިނާމަކަށްވާތީ، މި އިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ގައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީއެވެ.
1979 ވަނަ އަހަރު ގައުމީ އިނާމު ދެއްވަން އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށްޓެވިއިރު، މި އިނާމު ދެއްވަމުން ގެންދަވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވާގޮތަށް ހަމަޖެއްސެވިއެވެ.
ގައުމީ ދުވަހު ގައުމީ އިނާމު ދެއްވާގޮތަށް ހަމަޖެއްސެވުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާގޮތަށް މިހާރުވަނީ ނިންމާފައެވެ.
ގައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ހިޔާލު، އެ ކޮމިޓީން މިހާރުވަނީ ހޯދައިފައެވެ. އަދި ގައުމީ އިނާމުގެ އުސޫލުތަކަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނައުމުގެ މަސައްކަތް، އެ ކޮމިޓީން މިހާރު ކުރަމުން ގެންދާކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.